މަސްކިރާފައި ފައިސާ ލިބުން ލަސްވާ މައްސަލަ ހައްލު ކުރުމަށް މިރޭ މަސްވެރިންނަށް 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު މިކަން ހާމަކުރައްވާފައި ވަނީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިވަގުތު މަސްވެރިން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވުން ކަމުގައެވެ.
މިގޮތަށް ލަސްވުމުގެ ސަބަބުން މަސްވެެރި އާއިލާތަކުގެ ޒަރޫރީ އެތައް ކަމަކުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައި ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން ކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވި އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާކަމަށެވެ. އެގޮތުން މަސްވެރިންނަށް މިރޭ 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމުވެސް މިހާރު ރައީސް ހަމަޖައްސަވާފައިވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް މިކަމަށް ހޯދުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްުޔާ ޑރ މުހައްމަދު މުއިއްޒުގެ "ހަފްތާ 14" ގެ ޕްލޭންގައިވެސް މަސްވެރިކަން ކުރިއެރުވުމަށް ގިނަ ކަންކަން ވަނީ ރޭވިފައެވެ.
ރައީސް ނިންމަވާފައި ވާ ކަންތައްތަކުގެ ތެރޭގައި މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ ގޮތުން ދަފްތަރުގައި ރެޖިސްޓާރ ވާން ހުޅުވާލުމާއި، މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓް ކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ އިތުރުން، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުން ހިމެނެއެވެ.
އަދި ހަމައެހެންމެ ރާއްޖެއިން ބާން މަސް އެކްސްޕޯޓް ކުރުމަށް އިތުރު މާކެޓްތައް ހޯދުމަށްވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ތުރުކީ ދަތުރުފުޅުގައި ދިވެހިރާއްޖެއިން ތުރުކީއަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިގެން ގޮސްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެންމެ ހާއްސަކޮށް ފާހަގަކޮށްލެވޭ ކަމަކީ، މަސްވެރިންނަށް ފައިސާ ނުދޭތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ނުދީ ހުރި ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ މި ސަރުކާރުގެ ފުރަތަމަ ހަފްތާގައި ދީފައިވުމާއި އަދި މިރޭ 106 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން ނިންމާފައިވުމެވެ.