ބަޖެޓް ކޮމިޓީން، 2024 އަށް ލަފާކުރާ ބަޖެޓުގައި ފުށިދިއްގަރު ފަޅު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކޮށްފިއެވެ.

2024 ވަނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރޭ ބަޖެޓް ކޮމިޓީން ފާސްކުރިއިރު ބަޖެޓަށް ގެނައި ބޮޑު ބަދަލެއްގެ ގޮތުގައި ރައީސް ޑރ މުއިއްޒުގެ ސަރުކާރުގެ މުހިންމު ބޮޑު މަޝްރޫއެއް ކަމަށްވާ، ފުށިދިއްގަރުފަޅު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކޮށްފައި ވަނީ މި ފައިސާ ބަޖެޓުން އުނިކޮށްފައިވަނީ މިފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ބުނެއެވެ.

އަދި މި 400 މިލިއަން ރުފިޔާ ވަނީ އެހެން ޕްރޮޖެޓްތަކަށް ބަހާލަފައެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށް ކަނޑައެޅި 400 މިލިއަން ރުފިޔާ ބަޖެޓުން އުނި ކުރިނަމަވެސް، ގުޅީފަޅާއި ހުޅުމާލެ އާއި ގިރާވަރުފަޅު ހިއްކުމަށް އިތުރު 400 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓުގައި ހިމަނާފައިވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައެވެ.

އެ މަޝްރޫއަށް އެކަށައެޅި ފައިސާ އުނިކޮށްފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކެނޑައެޅި ބަޖެޓް ކުޑަކުރުމަށް ދާންދޫ ދާއިރާގެ މެމްބަރުން ޔައުގޫބު ހުށަހެޅު ހުށަހެޅުން ވޯޓުން ފާސްވެގެންނެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ކޮށްގެން ހިއްކަން ނިންމާފައިވާ ފުށިދިއްގަރު ފަޅު ކުރިޔަށް 30 ދުވަހުގެ ތެރޭގައި ހިއްކަން ފަށާނެކަމަށް ފާއިތުވި ނޮވެމްބަރުމަހުގެ 30ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލާފާކޮށް، ކޮމިޓީން ރެ ފާސްކޮށްފައިވަނީ 48.8 ބިލިއަން ރުފިޔާއެވެ.

ބަޖެޓް ފާސްކޮށްފައިވަނީ ކޮމިޓީން ގެނައި ބައެއް އިސްލާހުތަކާއެކު ކުރިން ހުށަހަޅާފައިވާ ބަޖެޓަށް 3.7 މިލިއަން ރުފިޔާ އިތުރު ކުރުމަށްފަހުއެވެ. ކުރީ ސަރުކާރުން މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގަމުންދާ އަހަަރަށް ސަރުކާރުން 2022 ވަނަ އަހަރު ހުށަހެޅި 42.6 ބިލިއަން ރުފިޔާއަށްވުރެވެސް އިތުރު އަދަދެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ބަޖެޓް ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ބަޖެޓްގައި ހިމެނޭ ބައެއް އަދަދުތައް:

އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އަދަދުކަމަށް ބަޖެޓުގައި ހިމަނާފައި ވަނީ 33.5 ބިލިއަން ރުފިޔާއެވެ. އަދި ރިކަރަންޓް ހަރަދަށް ހިނގާނެކަަމަށް ލަފާކުރާ އަދަދުގެ ގޮތުގައި 34 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ބަޖެޓުގެ ރިކަރަންޓް ހަރަދު 7.5 އިންސައްތަ އިތުރުވާނެކަމަށް އަންދާޒާކުރެވޭ އަދަދެކެވެ.

  • ކެޕިޓަލް ހަރަދު: ބަޖެޓުގެ 29.8 އިންސައްތަ
  • ޕީއެސްއައިޕީއަށް: 8.6 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 17.5 އިންސައްތަ ޚަރަދު ކުރުމަށް (މީގެ ތެރޭގައި ބަޖެޓުގައި ހިމަނައިގެން މިހާރުވެސް ކުރިއަށްދާ ހުރިހާ މަޝްރޫއަކާއި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޖެޓުގައި ހިމަނަން ހުށަހެޅުއްވި މަޝްރޫއުތައް ހިމެނޭ)

ކޮމިޓީން ބަޖެޓަށް އިތުރު ކޮށްފައިވާ ބައެއް ބަދަލުތައް:

ޖަމާލުއްދީން ސްކޫލްގެ ސްޕެޝަލް ނީޑް ކުލާސް ރޫމަށް ކަނޑައަޅާފައިވާ ތިން ލައްކަ ރުފިޔާގެ ބަޖެޓު ތިން މިލިއަން ރުފިޔާ އަށް އިތުރު ކުރުން ހިމެނެއެވެ. އަދި މާފުށީ ހެލްތު ސެންޓަރު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް ތިން މިލިއަން ރުފިޔާ އިން 11 މިލިއަން ރުފިޔާ އަށް ވަނީ ކަނޑައަޅާފައެވެ. މާފުށީ މަގު ހެދުމުގެ މަޝްރޫއު 2.2 މިލިއަން ރުފިޔާ އިން ހަތް މިލިއަން ރުފިޔާ އަށް ވަނީ އިތުރު ކޮށްފައެވެ.

އއ. ހިމަންދޫ މަގު ހެދުމުގެ މަޝްރޫއަށް އެއް މިލިއަން ރުފިޔާ އިން ތިން މިލިއަން ރުފިޔާ އަށް އިތުރު ކޮށްފައިވާއިރު ޅ. ކުރެންދޫ މަގު ހެދުމުގެ މަޝްރުއަށް ކަނޑައަޅާފައިވާ އެއް މިލިއަން ރުފިޔާ، ހަތް މިލިއަން ރުފިޔާ އަށް ވަނީ އިތުރު ކޮށްފައެވެ. އަދި އއ. މާޅޮހު މަގު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައިވާ ފަސް ލައްކަ ރުފިޔާގެ ބަދަލުގައި 2.5 މިލިއަން ރުފިޔާ އަށް ވަނީ އިތުރު ކޮށްފައެވެ.