މަސްވެރިންނަށް ސަރުކާރުން ނުދީ ހުރި ފައިސާއިން މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީމަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި "މަސްވެރިންގެ ގުންޒަރު 2023″ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، އެފައިސާވެސް ވީ އެންމެ އަވަހަކަށް މަސްވެެރީންނަށް ދޫކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.
އިއްޔެ ހެނދުނުން ފެށިގެން ކުރިއަށްދިޔަ މަސްވެރިންގެ ގުންޒަރުގެ ރޭގެ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ޝުޢޫރުތައް އަޑުއައްސަވައި، މަސްވެރީންގެ ސުވާލުތަކަށް ޖަވާބުވެސް ދެއްވައިފައެވެ.
މަސްވެރީންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ 3 ހަފުތާގެ ތެރޭގައި ދެއްވަން ފަށްޓަވައިފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމުގައެވެ.
މަސްވެރިންގެ ޝުޢޫރުތަކާ، ސުވާލުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަޙައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމާ، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަޞީލަތްތައް ގިނަ ކުރެއްވުމާ، މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.