މިއަދު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި، ދިވެހި މަސްވެރިންގެ މައުލޫމާތު ހިމެނޭ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި، އެއޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން "ޕްރޮފެޝަނަލް" އިންޑަސްޓްރީ ނުވަތަ ރަސްމީ ވުޒާރާއެއްގެ ގޮތަށްބަލައިގެންފައި ނުވާތީ އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިން ފައިނޭންސް ހޯދުމަށް ދަތިތަކެއް ކުރިމަތިވެގެންދާ ކަމަށެވެ.

ރަސްމީ ދަފްތަރެއްގެ ހިޔާވަހިކަން ލިބިގެން ދާނީ ހަމައެކަނި ކަނޑު މަސްވެރިކަމަށް ނޫންކަން ފާހަގަ ކުރައްވައި ފިރުޒުލް ވިދާޅުވީ ދަފްތަރުގެ ބައިވެރިންނަށް ކަންނެލި މަސްވެރިކަމާއި، ފަރު މަސްވެރިކަމާއި ސްޕޯޓު މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅޭ މީނުންވެސް ވެގެންދާނެކަމަށެވެ.

ފިރުޒުލް ވިދާޅުވީ މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލުމުން ޒުވާނުން މަސްވެރިކަމުގައި އުޅޭ މިންވަރު ފުޅާވެގެން ދާނެކަމުގައެވެ.

އޭނާ ވިދާޅުވީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ ކުރިޔަށް ގެންދަމުންކަމަށާއި، ދަފްތަރުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްދާނީ ސިނާއަތުގެ އެކި ފަރާތްތަކުގެ މަޝްވަރާގެމަތިން ކަމުގައެވެ.

މަސްވެރިން ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހަފްތާ 14ގައިވެސް ހިމެނިފައިވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.