ދި އާރޗީސް، ކޮމިކް ހަނދާން ނެތޭނެހެން ހިއެއް ނުވެއެވެ. ޔަގީނުންވެސް މީހުން %90 އެ ހަނދާން ހުންނާނެއެވެ.

މުއްސަނދި މަހުޖަނު މިސްޓަރ ލޮޖްގެ ހަމައެކަނި ދަރިފުޅު ވެރޮނިކާ، އެންމެންނަށް އަޅާލާ އޯގާތެރި އެންމެންގެ ފޭވަރިޓް ބެޓީ، ހުރިހާ އަންހެންކުދިންގެ ސަމާލުކަން ދަމައިގަންނަ އެކަމަކު ވެރޮނިކާއާއި ބެޓީގެ އާރޗީ، މުޅިންވެސް ފޮނިކެނޑުމުގައި އުޅޭ ބޮޑާކަން ހުންނަ ރެޖީ، އިސްކޮޅުން ދިގު ވަރުގަދަ ބިގް އެތެލް، "ގާލްސް އަށް އެލާޖިކް" ކެއުމަށް ފޯރިގަދަ އަބަދުވެސް އެތެލް އަށް ފިލަން ދުވާ ޖަގްހެޑް، ނުވިސްނުނަސް ބާރުގަދަ ހިތްހެޔޮ ބިގްމޫސް، ބިގްމޫސްގެ އެއްއަތުން އުފުލާލެވޭ ބައިވެރިޔާ މިޖް، ސައިންސާއި ޓެކްނޮލޮޖީއާއި ހިސާބުގެ ޖީނިއަސް ޑިލްޓަން، އެންމެންގެ ޕޮޕްޓޭޓްސްގެ ޕޮޕްސް، ޕްރިންސިޕަލް މިސްޓަރ ވެދަރބީ، މިހެން ގޮސް އެތައް ކެރެކްޓަރ ތަކަކުން ފުރާވަރު ފުރާލަދިން "ދި އާރޗީސް" ނެޓްފްލިކްސް އަށް އައިކަން އެނގޭ ހެއްޔެވެ.

ނެޓްފްލިކްސް އޮރިޖިނަލް "ދި އާރޗީސް" ގެ އެންމެ ހާއްސަ ކަމަކިީ ވެރޮނިކާގެ ރޯލުން ފެންނަ ސުހާނާ ހާންއެވެ.

އިންޑިޔާގެ ބޮލީވުޑްގެ ބާދްޝާހް، ހިތްތަކުގެ ރަސްގެފާނު، މަޝްހޫރު "އެސްއާރްކޭ" ޝާހްރުކް ހާންގެ ދަރިފުޅު ސުހާނާ ހާންގެ މި ރޯލު އޭނާ ގެނެސްދީފައިވާލެއް ފުރިހަމަކަމަށް އޮހެމުންދާ ތައުރީފުގެ ބަސްތައް ގިނައެވެ. ހަމައެކަނި މިއެއް ނޫނެވެ. ބޮލީވުޑްގެ ޑްރީމްގާރލް ސްރީދޭވީގެ ދަރިފުޅު ޚުޝީ ބެޓީގެ ބައިން ފެނުމަކީވެސް މި ފިލްމަށް މީހުންގެ ސަމާލުކަން ދަމައިގަތް އަނެއް ސަބަބެވެ. މަންމައާ އެއްވަރުނުވިނަމަވެސް ޚުޝީގެ އެކްޓިން ވަކިދެރައެއް ނޫނެވެ. އޭނާގެ ރޯލު ގެނެސްދީފައި ވަނީ ހަމައެންމެ ފުރިހަމައަށެވެ. ފިލްމުގެ ލީޑް ކަމަށްވާ "އާރޗީ"ގެ ރޯލުން ފެނިގެންދާ ބޮލީވުޑްގެރަސްގެފާނު ބިގްބީ، އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު، އަގަސްތިޔާ ނަންދާ އަކީވެސް މިފިލްމު ހާއްސަވި ސަބަބެކެވެ.

ކޮންމެއަކަސް ބޮލީވުޑްގެ ސެވެންޓީސް، އެއިޓީސް، ނައިންޓީސް، އަދި މިއަދުވެސް އެ އެކްޓަރުންގެ ކާމިޔާބުން އަޑު ނުކެޑޭ ތަރިންގެ 17 އަހަރުގެ ދަރިންގެ މޮޅު ހުނަރު ފެނިގެންދާ، ނެޓްފްލިކްސް އިން ޒޯޔާ އަޚްތަރު އާއި ރީމާ ކަގްތީ ޑައިރެކްޓްކޮށްފައިވާ "ދި އާރޗީސް" ފިލްމު ރިލީޒްކުރުމާއެކު ރިވިއުތައް ވެސް އަންނަނީ ލިބެމުންނެވެ.

ބެޓީ: ހުޝީކަޕޫރު / އާރޗީ: އަގަސްތިޔާނަންދާ / ވެރޮނިކާ: ސުހާނާހާން

ގިނަ ކްރިޓިކުން މި ފިލްމަކީ ހިޓް ފިލްމެއްގެ ގޮތުގައި ސިފަކުރަނީ އެކުވެރިކަމާއި ލޯތްބާއި ބަޣާވާތާ ގުޅޭ ގޮތުން ގެނެސްދީފައިވާ، ފިލްމުން ދައްކާ ޒަމާނާ އެއްގޮތް ކަމަށްވެފައި މުޅިން ތާޒާ އާ މޫނުތަކުގެ ތަރިން ތައާރަފްވި ފިލްމަކަށް ވާތީއެވެ. އެހެންކަމުން ފިލްމުގެ ރިވިއުތަކުން ސިފަ ކުރަނީ "ފެންޓާސްޓިކް" ފިލްމެއްގެ ގޮތުގަ އެވެ.

ފިލްމުގައި ދައްކައިދެނީ އިންގްލެންޑް-އިންޑިއަން ކޮމިއުނިޓީގެ މެދުގައި، "ކެރިސްމެޓިކް"ޗާމިންގ އާޗީ (އަގަސްތިޔާ ނަންދާ) އާއި އޯގާތެރި ބެޓީ (ޚުޝީ ކަޕޫރު) އަދި ކޮންފިޑެންޓް ވެރޯނިކާ (ސުހާނާ ޚާން)ގެ ހާއްސައެކުވެރިކަމާއެކު، ޖަގްހެޑް (މިހިރު އަހޫޖާ)، ރެޖީ (ވެޑަންގް ރެއިނާ)، އެތެލް (ޑޮޓް) އަދި ޑިލްޓަން (ޔޫވްރާޖް) 1964 ގެ ސްކޫލުގެ ދުވަސްތައް ފެނިގެންދެއެވެ. މިފިލްމުން ދައްކުވައިދެނީ 17 އަހަރުގެ ފުރާވަރުގެ "އާރޗީސް" "ގްރީންޕާކް" ސަލާމަތްކުރުމަށް ކުރާ ހިތްވަރާއި މަސައްކަތެވެ.

ފިލްމުން ކިތަންމެހާވެސް ރީއްޗަށް "އާރޗީސް" ކޮމިކްގެ މަންޒަރުތައް ސިފަވެގެންދެއެވެ.