ގިނަ އަދަދެއްގެ މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ހދ ކުޅުދުއްފުށީގެ ބޯޓު "ބަހާދަރު" ފަރަށް އަރައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބުނެފައިވަނީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި "ބަހާދަރު" ނަމަކަށް ކިޔާ ބޯޓެއްގައި ތިބި މީހުންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެވަގުތު ބޯޓުގައި ތިބީ ބޯޓުގެ 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުން ކަމަށެވެ.

އަދި "ބަހާދަރު" ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު ރޭ ދަންވަރު 02:30 ހާއިރު ލިބުނު ކަމަށާއި، އެމަޢުލޫމާތު ލިބުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން، "ބަހާދަރު" ބޯޓުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޯޓު އޮތް ސަރަހައްދަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް 116 ދިޔަ ކަމަށެވެ.

މިއަދު ފަތިހު ބޯޓު އޮތް ސަރަހައްދަށް ގޮސް، ބޯޓުގައި ތިބި މީހުންގެ ތެރެއިން 17 މީހުން ހާބަރކްރާފްޓަށް ނަގައިގެން ހެނދުނު 06:08 ހާއިރު ވަނީ އެ މީހުން ށ.ކޮމަންޑޫއަށް ގެންގޮސްދީފައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

"ބަހާދަރު" ބޯޓުގައި މިހާރު 10 ފަޅުވެރިން މަޑުކޮށްގެން ތިބިއިރު، ބާކީ 31 މީހުން، "ފްލަޔިންގ ފިޝް 17" ނަކަމަށް ކިޔާ ދޯންޏެއްގައި ހދ.ކުޅުދުއްފުއްޓަށް ގެންދިޔުމަށް ދަނީ ދަތުރުކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ފަރަށް އަރާފައިވާ "ބަހާދަރު" ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.