ޖަމާލް ޚާޝޫޤްޖީގެ މަރުގެ މައްސަލައިގައި ތުރުކީލިވާތުން ސަޢުދީ ޢަރަބިއްޔާގެ އިތުރު ހަ މީހަކާ ދެކޮޅަށް ދަޢުވާކޮށްފިއެވެ.
2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސުލޭޓުގައި އަނިޔާވެރިކޮށް މަރާލި ޖަމާލް ޙާޝޫގްޖީ އަކީ ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެކެވެ.
ޖަމާލް ޚާޝޫޤްޖީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ދެކޮޅަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ތުރުކީވިލާތުންވަނީ ޝަރީޢަތެއް ފަށައިފައިވާއިރު އޭނާގެ މަރުގެ މައްސަލައިގައި ހިމެނޭކަމަށް ޝައްކުކުރެވޭ ސަޢުދީ ޢަރަބިއްޔާގެ އިތުރު ހަ މީހަކާ ދެކޮޅަށް މިހާރު ވަނީ ދައުވާ އުފުލާފައި ކަމަށް ތުރކީވިލާތުގެ ދައުލަތުގެ ނޫސް އިދާރާއިން ވަނީ ބުނެފައެވެ.
ތުރުކީގެ ނޫހުން ބުނާ ގޮތުގައި އޭގެ ތެރެއިން ދެ މީހުންނާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތައް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށްލެވޭނެއެވެ. ބާކީތިބި ހަތަރު މީހުންނާ ދެކޮޅަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވެއްޖެނަމަ ގިނަވެގެން ފަސް އަހަރު ދުވަސް ޖަލުގައި ހޭދަކުރަންޖެހޭނެއެވެ.
އުމުރަށް ޖަލަށްލުމުގެ ފުރުޞަތު އޮތް ދެމީހުންނަކީ ތުރުކީވިލާތުގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ. އަނެއް ހަތަރު މީހުންނަކީ ކުށްކުރި މާހައުލުގައި ހުރި ހެކި އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ މީހުންކަމަށް އެ ނޫހުން ބުނެއެވެ.
ޚާޝޫޤްޖީގެ މަރުގެ މައްސަލައިގައި ހިމެނޭ 8 މީހަކަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހު ސަޢުދީ ޢަރަބިއްޔާގެ ކޯޓަކުންވަނީ މަރުގެ ޙުކުމްކޮށްފައެވެ.ނަމަވެސް މީގެ ހަތަރު މަސްކުރިން ޚާޝޫޤްޖީގެ ޢާއިލާއިން އޭނާގެ ގާތިލުންނަށް މަޢާފުކުރުމުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހު އެ ހުކުމްވަނީ ބަދަލުކޮށްފައެވެ.
ތުރުކީވިލާތުން ޤަބޫލުކުރާ ގޮތުގައި ތަހުޤީޤު ކުރިއަށްގެންދިއުމަށް ސަޢުދީ ޢަރަބިއްޔާއިން ހުރަސްއަޅާފައިވާކަމަށްވެސް ތުރުކީވިލާތުން ތުހުމަތުކުރެއެވެ. ތުރުކީވިލާތުން ކުރިއަށްގެންދާ ތަހުޤީޤަށް ސަޢުދީ ޢަރަބިއްޔާއިން އެއްބާރުލުން ދިނުމަށް ތުރުކީވިލާތުންވަނީ އެ ޤައުމަށް ގޮވައިލައިފައެވެ.