މާލޭގެ މަގެއްގެމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރަނިކޮށް ދައުރު ވަމުންދާ ވީޑިއޯއާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް އަނެއްކާވެސް މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ މ. ކޮޅުފުށި/ޖަވާހިރުވާދީ އަހްމަދު ނަސީމް، 45، އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު ޖެހި އެ މީހާގެ ބަންދަށް މި ފަހަރު ޖެހީ ފަސް ދުވަހެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ބުނެފައިވާއިރު، އޭނާ އިތުރު ބުޅަލަށް ހަމަލާދޭން އުޅުނު ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

އޭނާ ބުނާގޮތުގައި، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތެެވެ. އަދި ކުރިއަށް އޮތް 5-7 ދުވަސް ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

އޮށޯވެގެން އޮތް މާބަނޑު ބުޅަލަކަށް ވަޅިން ހަމަލާ ދޭ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވީ ނޮވެމްބަރު މަސް ތެރޭގައެވެ. އެ ވީޑިއޯ އާންމުވުމާ އެކު، ވަޅި ހެރި މީހާ ހަމަ އެ ދުވަހު ފުލުހުން ހައްޔަރު ކުރިއެވެ. އެ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

ނަމަވެސް ފަހުން އަނެއްކާ އޭނާ ހައްޔަރު ކުރިއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޖަނަވާރަކަށް އަނިޔާވެރި އަމަލު ހިންގި ކަމުގެ ތުހުމަތެވެ.