ފުރަތަމަ ސާދަ ހަފުތާގައި އަމާޒުހިފި ހުރިހާ ކަމެއް ހާސިލު ވެއްޖެ ކަމަށް ސަރުކާރުން މިއަދު ހާމަ ކުރައްވައިފިއެވެ.

މިކަން ސަރުކާރުން ހާމަ ކުރެއްވީ މިއަދު ރައީސްއޮފީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅުދެއްކެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ.

ޝަހީބުގެ ވާހަަކަ ފުޅުގައި ރައީސްއުލް ޖުމްހޫރިއްޔާ، ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 4 ހަފުތާތެރޭގައި ހާސިލް ކުރަން ނިންމަވަފައި ހުރި ހުރިހާކަމެއް ވެސް ހާސިލް ވެފައިވާ ވާހަކަ ވިދާޅުވިއެވެ. މިގޮތުން ހާސިލް ވެފައިވާ 17 ކަމެއް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ވަނީ ޕްރެސެންޓޭޝަނެއް މެދުވެރިކޮށް ކިޔައިދެއްވާފައެވެ.

ޝަހީބު ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ވެބްސައިޓުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެވޭނެ ނިޒާމެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ބައެއް އާންމުންގެ ސުވާލުތަކަށް ވެސް ވެބްސައިޓުގެ ޒަރިއްޔާއިން ޖަވާބުދެވޭނެ ނިޒާމެއް ހަމަޖައްސައި ދެއްވާނެ ކަމަށް ޝަހީބު ވިދާޅުވިއެވެ.