ރަޝިޔާއިން ޣައްޒާގައި އައު ހޮސްޕިޓަލެއް ހުޅުވާލުމަށް ތައްޔާރު ވާން ފަށައިފިކަމަަށް އެގައުމުގެ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިހެން ވިދާޅުވީ ރަޝިޔާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ އެމަނިކުފާނު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅުގައި ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި މިވާހަކަ ހިމެނޭ ކަމަށެވެ. ނަމަވެސް މިކަން ފެށުމުގެ ކުރިން މިސްރު އަދި އިޒްރޭލުންގެ ހުއްދައަށް އެދެން ޖެހޭކަމަށް ވެސް ޕޫޓިން ވިދާޅުވިއެެވެ.

"އަޅުގަނޑު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ވާހަކަ ދެއްކިން، އެމީހުންގެ އެކި އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ވިދާޅުވީ ޣައްޒާގައި ރަޝިޔާގެ ހޮސްޕިޓަލެއް ހުޅުވުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް،" ޕޫޓިން ވިދާޅުވި އެވެ. އަދި މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީއާ ވެސް މި މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ. އެކަމަށް މިސްރުގެ ތާއިދު ލިބުނުކަމަށް ރަޝިޔާގެ ރައީސް ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ އިޒްރޭލުން ހޮސްޕިޓަލެއް ހުޅުވުމާ މެދު ދެކޮޅު ހެދިޔަސް ރަޝިޔާއިން ޣައްޒާއަށް އެހީވުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރާނެ ކަމަށެވެ. މިގޮތުން މިވަގުތު ރަޝިޔާއިން ދަނީ ޣައްޒާއަށް މެޑިކަލް އިކުއިޕްމެންޓް ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް އިޒްރޭލާއެކު އެއްބަސްވުމަކަށް އައުމުގެ މަސައްކަތް ކުރަމުންނެވެ.