ރާއްޖެއިން ނައްތައިލާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބަޔަކު ކުޅުދުއްފުށިން ފެނިއްޖެ އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މިމަހުގެ އެއްވަނަ ދުވަހު އަދި ދެވަނަ ދުވަހު ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އެކި ބަލިތަކަށް ސްކްރީން ކޮށްފައިވާ ކަމަށެވެ.

އެ މީހުންނަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ނުވަތަ އެންޑެމިކް ސަރަހައްދުތަކުން އައިސްފައިވާ މީހުން ކަމަށްވެސް ބުންޏެވެ.

އެ އެޖެންސީން އިތުރަށް ބުނީ، ފައިލޭރިއާ ކޭސްތަކެއް ފެނުމުން ކުޅުދުއްފުށީގައި އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރަމުންދާ ކަމަށާއި އަދި ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއެކު ދިރިއުޅޭ ފަރާތްތަކުގެ ސްކްރީނިންގ ޓެސްޓްތައް ހެދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

އެގޮތުން ސްކްރީނިންގ ޓެސްޓުން ޕޮޒިޓިވްވާ ފަރާތްތަކުގެ ބަލި ހުރިކަން ޔަގީން ކުރުމަށްޓަކާ އިތުރު ކޮންފަރމޭޓަރީ ޓެސްޓް ހެދުމުގެ މަސައްކަތްކުރިއަށްދާނެކަމަށް ކޭއާރުއެޗުން ވިދާޅުވިއެވެ. ފައިލޭރިއާ ހުރިކަން ޔަގީންވާ ފަރާތްތަކަށް ދެވޭ ފަރުވާއަކީ އެއްފަހަރު ބޭނުންކުރާ ދެ ބޭހެއް." ކޭއާރުއެޗުގެ ނޫސް ބަޔާނުގައިވެ އެވެ.

މި ބައްޔަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށްވެފައިވާ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރިން ރައްކާތެރިވުމަށް ހޮސްޕިޓަލުން ނަސޭހަތްތެރިވެފައިވެ އެވެ.

ފައިލޭރިއާއަކީ ރާއްޖޭގެ ޕަބްލިކް ހެލްތު ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ މި ސަރަހައްދުގައި ފައިލޭރިއާއިން ސަލާމަތްވެފައިވާ ފުރަތަމަ ގައުމުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރެވެ.