ލިޔުނީ: އަޒްހީން

ފަލަސްތީނުގެ ޣައްޒާއަށް ނިސްބަތްވާ ޒުވާން ތަސްނީމް އަހެލް އަށް ފެނުނީ ހަނގުރާމައިގެ ހަލަބޮލިކަމުގެ ތެރޭގައި ތައުލީމާއި ރަނގަޅު މުސްތަގުބަލެއްގެ ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔަ މަންޒަރެވެ. ދަތުގެ ޑޮކްޓަރަކަށް ވުމުގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ޣައްޒާގެ ދެކުނުން ނިކުތުން ނޫން ގޮތެއް ނެތް ކަމަށް ގަބޫލްކޮށް، ބިރުވެރި ނާމާން ދަތުރު އޭނާ ފެށީ އެހިސާބުންނެވެ.

ހިތަށް ލިބިފައިވާ ޒަހަމްތަކަކާއެކު ވާހަކަ ދައްކަމުން ތަސްނީމް ވަނީ ސަލާމަތަށް ކުރި ހިތްދަތި ދަތުރާއި އުއްމީދުތައް ދެމެހެއްޓުމަށް ޓަކައި އޭނާވި ގުރުބާނީގެ ވާހަކަ "އަލްޖަޒީރާ" އަށް ކިޔައިދީފައެވެ. "ފިލްމެއްގައި ދިރިއުޅެމުން ދިޔަ ހެން ހީވީ، އަސްލެއްކަން ގަބޫލުކުރަން ދަތިވި" ސަހްޔޫނީ އިޒްރޭލުން ބަރުހަތިޔާރާއެކު ޣައްޒާއަށް ދޭން ފެށި ވަރުގަދަ ހަމަލާތައް ސިފަކޮށްދެމުން ބުންޏެވެ.

"ބިރުވެރި ހުވަފެނެއްގައި އުޅެ، ހުވަފެނުން ހޭލަން ކައިރިވެފައި އުޅެވޭހެންވެސް ބައެއްފަހަރު ހީވޭ. އެއީ އެއްވެސް މީހަކަށް ވިސްނައިގަތުމަށް ގާބިލްވާނެ ކަމެއް ކަމަކަށް ނުފެނޭ" އޭނާ ކިޔައި ދިނެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެ، ހަލާކުވާންތައް އިތުރުވެ، އުއްމީދީ ދަތުގެ ޑޮކްޓަރ ތަސްނީމްއަށް ކުރިމަތިލާން ޖެހުނީ ބޮޑެތި ގޮންޖެހުންތަކަކާއެެވެ.

ޣައްޒާގައި ހުރި ހުރިހާ ޔުނިވަރސިޓީއެއް ބިމަށް ތިރިކޮށް، ގިނަ ސްކޫލްތައް އިޒްރޭލުން ހަލާކުކުރުމުން އޭނާފަދަ އެތައްލައްކަ ދަރިވަރުން ތިބީ ހިތްކުދިކުދި ވެފައެވެ.

"އަހަރެމެން ދެކުނުން (ޣައްޒާގެ) ފިލަން ނިންމީ އެކަމާ ވަރަށް ބޮޑަށް ވިސްނުމަށްފަހު އަދި ދަތުރުކުރެވޭނީ ކިހިނެއްތޯ ބަލާ، އަހަރެމެންގެ ހުވަފެންތައް އަސްލަކަށް ހަދާ ތައުލީމު ހާސިލްކުރުމުގެ ނިޔަތުގައި" ސަލާމަތަށް ދަތުރު ފެށުމުގެ ކުރިން އޭނާ އާއި އޭނާގެ ދައްތަ ކުރި މަޝްވަރާތަކުގެ ތަފްސީލް ތަސްނީމް ކިޔައިދިނެވެ. ތަސްނީމް ބުނީ އެއީ އޭނާ އާއި އޭނާގެ ދައްތަގެ ހަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ.

ނުރަކަލުން ފުރިފައިވާ މި ދަތުރުގައި ޗެކްޕޮއިންޓްތަކާއި އަސްކަރީ ޓޭންކްތަކާ ކުރިމަތިލާން ޖެހުނެވެ.

"ޗެކްޕޮއިންޓުގައި އަހަރެމެން ގަޔަށް ކޮންމެ ވަގުތެއްގައިވެސް ބަޑި ޖެހިދާނެކަން އެނގުނު، އަހަރެމެން ހިފަހައްޓައި ހައްޔަރު ކޮއްދާނެކަންވެސް އެނގޭ" ކުރިމަތިވި ބިރުވެރި ވަގުތުތައް ތަސްނީމް ކިޔައިދިނެވެ.

"ޣައްޒާގެ ދެކުނުން އަހަރެމެން ފިލައިގެން ރަފަހަށް އައީ މަރުވާކަށް ނޫން. އަހަރެމެން އެތަނުން ފިލަން ބޭނުންވީ ދިރިއުޅެން ވެގެން އަދި އުއްމީދުތައް ހާސިލް ކުރަން ބޭނުން ވެގެން" މިވަގުތު ރަފަހުގައި ހުރި ތަސްނީމް ބުންޏެވެ. އެކަމަކު އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ގެންދަނީ ރަފަހަށް ދޭތެރެ ދޭތެރެއިން ހަމަލާދީ، އެތަނަށް ބަރުހަތިޔާރާއެކު ވަދެގަންނާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ފާއިތުވެދިޔަ ހައެއްކަ މަހު ފެނުނު ހިތްދަތި އެތައް މަންޒަރަކާއި ބިރުވެރި ހަމަލާތަކާއެކުވެސް ތަސްނީމް ހުރީ ޑޮކްޓަރަކަށް ވުމުގެ ފޮނި އުއްމީދުގައެވެ، ތަސްނީމް ހުރީ ގައުމުން ބޭރުން ތައުލީމު ހާސިލްކުރުން ޖެހުނު ކަމުގައި ވިޔަސް ކިޔެވުން ކުރިއަށް ގެންދިއުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

ނަމަވެސް އަމިއްލަ ވަޒަން ގެއްލުމާއި މުސްތަގުބަލުގެ ނުތަނަވަސްކަމާ ކުރިމަތިލާން ޖެހުމުން ހިތުގައި އެތައް ޒަހަމް ވަނީ ލެވިފައެވެ. "އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް އަދި ލޭގެ އެންމެ ފަހު ތިއްކަށްވެސް ޣައްޒާ ސިޓީ ދޫކޮށް ދާކަށް ބޭނުމެއް ނުވޭ" ތަސްނީމް ބުންޏެވެ.

"މިއީ އަހަރެންގެ އުފަން ގައުމު، އަހަރެން ބައްޕަގެ ގައުމު އަދި އަހަރެން ކާފަގެވެސް ގައުމު. އެއީ ދުނިޔޭގައި ހުރި، ހުރިހާ ކަމަކަށްވުރެ އަހަރެންނަށް މާ އަގުހުރި އެއްޗެއް" ފަލަސްތީނު ދެކެވާ ލޯތްބަށް ނިސްބަތްކޮށް ތަސްނީމް ބުންޏެވެ.

ތަސްނީމް ފަދަ ޣައްޒާއަށް ނިސްބަތްވާ އެތައްލައްކަ ދަރިވަރުން ހަނގުރާމަ ކުރަމުން ދަނީ ހަމައެކަނި އެމީހުންގެ ފުރާނައަށްޓަކައެއް ނޫނެވެ. ތައުލީމް ހޯދުމުގެ ހައްގަށްވެސް އެދަރިވަރުން ދަނީ ހަނގުރާމަ ކުރަމުންނެވެ. އިސްރާއީލުން ޣައްޒާގެ ހުރިހާ ޔުނިވާސިޓީއެއް އެއްކޮށް ހަލާކުކޮށްލާފައިވާއިރު، 625،000 ދަރިވަރުންން ވަނީ ތައުލީމުން މަހްރޫމް ކޮށްފައެވެ.