ރަޝިޔާގެ މިސައިލު ހަމަލާތަކުން ސަލާމަތްވުމަށް "ޕެޓްރިއޮޓް ސިސްޓަމް" ތަކަށް ޔޫކްރައިނުން އެދިފައިވީނަމަވެސް މިފަދަ ސިސްޓަމްތައް މިވަގުތު ފޮނުވެން ނެތް ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ ރަޝިޔާއާ ކުރިމަތިލުމަށް ޔޫކްރައިނަށް ބޭނުން ވަނީ ހަމައެކަނި ޕެޓްރޮއިޓް ސިސްޓަމްތަކެއް ނޫން ކަމަށެވެ. "އެމެރިކާއިން މިވަނީ 60 ބިލިޔަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ތައާރަފް ކޮށްފައި. މީގެ ތެރެއިން ބަލިޔަން ޑޮލަރުގެ ސާމާނު ވަރަށް އަވަހަށް ޔޫކްރައިނަށް ފޮނުވޭނެ. މީގެ ތެރޭގައި ޑްރޯންތަކަށް ހަމަލާދެވޭނެ އާލާތްކާއި ވައިގެ ދިފާއީ އާލާތްތައްވެސް ހިމެނޭނެ" އޮސްޓިން ވިދާޅުވިއެވެ. '

ޕެޓްރޮއިޓް ސިސްޓަމް ފޮނުވައި ދިނުމަށް އެދި ޔޫކްރައިނުގެ ރައީސް ވްލަޑިމީރް ޒެލެންސްކީ ވަނީ އެތައް ފަހަރެއްގެ މަތިން އެމެރިކާ ކިބައިން އެދިފައެވެ. ޕެޓްރޮއިޓް ސިސްޓަމަކީ ވައިގެ ތެރޭގައި ހަމަލާދޭ މިސައިލް ސިސްޓަމެކެވެ. އެމެރިކާއިން ވަނީ މައްސަލާގައި ޔޫރަޕުގެ ބޮޑެތި ބާރުތަކާއެކުވެސް މަޝްވަރާ ކޮށްފައެވެ. އެކަމަކު ޔޫކްރައިނަށް ޕެޓްރޮއިޓް މިސަލައިލް ސިސްޓަމް ދިނުމަށް އެގައުމުތަކުންވެސް އެއްބަހެއް ނުވިއެވެ.