ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ތ.ތިމަރަފުށީ ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އިބްރާހިމް ސަނާހް (ސަންޓޯ) ހޯއްދަވައިފިއެވެ.
ޕިޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޓިކެޓް ސަންޓޯ ކަށަވަރު ކުރެއްވީ، ޕްރައިމަރީގައި ވާދަކުރުމުގެ ސުންގަޑި ހަމަވިއިރުވެސް ސަންޓޯ ފިޔަވައި އިތުރު އެހެން ކެންޑިޑޭޓަކު ނުނިކުންނެވުމުންނެވެ.
ޕީޕީއެމް/ ތިމަރަފުށީ ދާއިރާގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ސަންޓޯ، މަޖިލިސް އިންތިހާބަށް ވަރުގަދައަށް ކެމްޕެއިން ފައްޓަވާފައިވާއިރު، ތިމަރަފުށީ ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ ސަންޓޯއަށް ތާއިދު އޮތްކަން ސޯޝިއަލް މީޑިޔާގައި ހާމަ ކުރަމުންނެވެ. ތިމަރަފުށީ ދާއިރާގައި ދެން ހިމެނޭ ވޭމަންޑޫއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު، ރާއްޖޭގެ ރަައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮއްވެވުމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ އިސްސަފުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ސަންޓޯ ވަނީ 2019 ވަނަ އަހަރުން ފެށިގެން ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ސިޔާސީ ހުރިހާ ހަރަކާތެއްގައި މެދުނުކެނޑި މަސައްކަތް ކުރައްވާފައެވެ.
ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.