އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުކުރަން ދެކޮޅުހަދާކަން ޕާކިސްތާނުން އަނެއްކާވެސް ހާމަކޮށްފިއެވެ.

ޕާކިސްތާނުން ވަނީ، ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުން މިހާރު އެކަންކުރަންއުޅޭ މަގަކީ ގޯސް މަގެއްކަމަށްބުނެ އިންޒާރުވެސް ކޮށްފައެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ހޯދަން ވަކި ގްރޫޕެއް ހަދައިގެން މަސައްކަތް ކުރަމުން ގެންދަނީ، އިންޑިއާ، ބްރެޒިލް، ޖަރުމަނު އަދި ޖަޕާނުންނެވެ.

ޕާކިސްތާނުން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ މުނީރު އަކްރަމް ވިދާޅުވީ، އެގައުމުތަކުން އދގެ ސަލާމަތީ މަޖިލިސް އިސްލާހްކުރަން އުޅޭގޮތަކީ، ސަލާމަތީ މަޖިލީހުގެ މަސައްކަތްތައް ކުރުމަށް މިހާރު އޮންނަ އުސޫލުތައް "މަރުވެދާނެ" ގޮތެއް ކަމަށެވެ.

މުނީރު އަކްރަމް ވިދާޅުވީ، އދއަށް އެއްވެސް އިސްލާހެއް ގެނެވެންވާނީ، މިހާރު އޮންނަ "އިންޓަރ-ގަވަރމެންޓަލް ނެގޯޝިއޭޝަންސް" ގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

ޕާކިސްތާނުގެ އެމްބަސެޑަރ މި މޭރުމުން ވާހަކަ މިދެއްކެވީ، ނިއުޔޯކްގައި އިއްޔެ ފެށުނު އައިޖީއެން މަޝްވަރާތަކުގައެވެ.

އެމްބަސެޑަރ މުނީރު އަކްރަމްވަނީ، އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުން އިތުރުކުރުމަށް ޕާކިސްތާނުން ކުރިންވެސް ހަދަމުންދާ ދެކޮޅުހެދުން ތަކުރާރު ކުރައްވާފައެވެ.

އެމްބަސެޑަރ މުނީރު އަކްރަމް ވިދާޅުވީ، "އިންޓަރ-ގަވަރމެންޓަލް ނެގޯޝިއޭޝަންސް" ގެ ބޭރުން ސަލާމަތީ މަޖިލިސް އިސްލާހްކުރަން ކުރެވޭ މަސައްކަތުން ނަތީޖާއެއް ނުނިކުންނާނޭ ކަމަށެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ހޯދަން މަސައްކަތްކުރާ ގްރޫޕުން ގެންދަނީ "ބިރުވެރިކަން" އުފައްދަމުން ކަމަށެވެ.

އދގެ ސަލާމަތީ މަޖިލިސް އިސްލާހްކުރުމުގެ ރަސްމީ ބަހުސްތައް އދގެ އާންމު މަޖިލީހުގައި ފެށިފައިވަނީ 2009 ވަނަ އަހަރުއެވެ.

އިސްލާހްކުރުމަށް ބަހުސްކުރެވޭ ނުކުތާތަކުގެ ތެރޭގައި، މެމްބަރޝިޕް ކެޓެގޮރީއާއި، ވީޓޯގެ މައްސަލައާއި، ސަލާމަތީ މަޖިލިސް ބޮޑުކުރާނަމަ ކުރާނެ މިންވަރަކާއި، ސަރަހައްދުތައް ތަމްސީލުކުރާގޮތަށް ހަދާނެތޯއާއި، ސަލާމަތީ މަޖިލިސް މަސައްކަތްކުރާ މެތޮޑާއި، އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހާ ދެމެދު އޮންނަންވީ ގުޅުމުގެ ނުކުތާތައްވެސް ހިމެނެއެވެ.

ސަލާމަތީ މަޖިލީހުގެ ހިމެނޭ މެމްބަރު ގައުމުތަކުގެ އަދަދުތައް އިތުރުކުރަން ގައުމުތަކުން އުސޫލެއްގެގޮތުން އެއްބަސްވާ ނަމަވެސް، އެކަން ކުރާނެ ގޮތަކާމެދު އދގެ މެމްބަރު ގައުމުތައްވަނީ ބައިބައި ވެފައެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި މިހާރު 5 ގައުމު ހިމެނޭއިރު، ޖީ-4 ގްރޫޕުން ގަދައަޅައި މަސައްކަތް ކުރަމުން ސަލާމަތީ މަޖިލީހަށް 10 ގޮނޑި އިތުރުކުރުމަށެވެ. އެއީ، ދާއިމީ މެމްބަރުކަމަށް އިތުރު 6 ގޮނޑިއާއި، ދާއިމީ ނޫން މެމްބަރުކަމުގެ 4 ގޮނޑިއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި މިހާރު ތިބެނީ ދާއިމީ 5 މެމްބަރުންނާއި، ދާއިމީ ނޫން 10 މެމްބަރުންނާއެކު ޖުމްލަ 15 މެމްބަރުންނެވެ.