އިޒްރޭލުގެ ޒަޔަނިސްޓުން ސިފައިން އަލްޖަޒީރާ ޓިވީ ޗެނަލްގެ ނޫސްވެރިއެއް ކަމަށްވާ ސަމީރު އަބޫދާގާ ޝަހީދު ކޮށްލައިފިއެވެ.

ހަތަރު ކުދިންގެ ބައްޕައެއް ކަމުގައިވާ ސަމީރު އަބޫދާގާ ފަލަސްތީނުގައި ހަރަކާތްތެރި ވަމުންދިޔައީ ކެމެރާ މަނެއްގެ ގޮތުގައެވެ. ސަމީރު ދިޔައީ ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަ ލައިވް ކޮށް ދުނިޔެއަށް ހިއްސާކުރަމުންނެވެ. ނަމަވެެސް އިއްޔެގެ ވަގުތެއްގައި ޣައްޒާގެ ދެކުނުގައި އޮންނަ ސަރަހައްދަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ސަމީރަށް ބޮޑެތި ޒަހަމްތަކެއްވެ، ސިއްހީ ފަރުވާ ލިބުމުގެ ކުރިން ޝަހީދުވީއެވެ.

އަލްޖަޒީރާ އަދި އެހެން މީޑިއާތަކުން ބުނާ ގޮތުގައި ސަމީރު ޝަހީދުވީ ސިއްހީ ފަރުވާ ހޯދުމަށް ފަސް ގަޑިއިރުން ވަންދެން ކުރި މަސައްކަތް ނާކާމިޔާވުމުގެ ސަބަބުންނެވެ. މިހަމަލާތަކުގައި އަލްޖަޒީރާގެ އިތުރު 4 މީހުންވަނީ ޒަހަމްވެފައެވެ.

މިމައްސަލައިގައި އަލްޖަޒީރާއިން ވަނީ އިޒްރޭލުގެ ސިފައިން ވަރަށް ބޮޑަށް ކުއްވެރިކޮށް ބަޔާނެއް ނެރެ އިޒްރޭލުން ނޫސްވެރިންނާ ދެކޮޅަށް ހިންގަމުން އަންނަ ޓެރަރިސްޓް ހަމަލާތައް ތަހްގީގު ކުރުމަށް ދުނިޔެއަށް ގޮވާލާފައެވެ. އިޒްރޭލުން ހާއްސަކޮށް އަލްޖަޒީރާގެ ނޫސްވެރިންނަށް ހަމަލާތައް އަަމާޒުކުރާ ކަމަށް ވެސް އަލްޖަޒީރާއިން ބުނެތެވެ.