ތިން ރަށެއްގެ ބައި އިލެކްޝަންސް މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ހއ. ކެލާ، ނ. މާފަރު، އދ. ހަންޏާމީދޫ ގެ ކައުންސިލް މެންބަރު، އަދި ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އެ 3 ރަށުގައި ކުރިޔަށް ދާކަމަށެވެ.

މީ އިތުރުން، މާލޭގައި ދިރިއުޅޭ އެ 3 ރަށުގެ ރައްޔިތުންނަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުތަކުގައި ހެނދުނު 8 ގައި ވޯޓުލުން ފެށިގެން ކުރިއަށް ދާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

"ވޯޓުލުމުގެ ހައްޤު ލިބިފައިވާ ހުރިހާ ބޭފުޅުން އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ވޯޓުލުމުގެ ހައްޤު އަދާކުރެއްވުމަށް ދަންނަވަން،" އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވިއެވެ.

ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4 ޖެހުމާއި ހަމައަށެވެ.

ރާއްޖޭގައި އަވަސްއަވަހަށް ބައި އިލެކްޝަންސްތައް ބާއްވަން ޖެހޭތީ އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެއީ މިކަމަށް ބޮޑު ޚަރަދެއް ހިނގާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިއަށްވެސް ގިނަ ބައި އިލެކްޝަންސްތަކެއް އެބަހުރިކަމަށެވެ. އެގޮތުން އަންނަ މަހުގެ 13 ވަނަ ދުވަހު މާލޭގެ މޭޔަރަކު އިންތިޚާބުކުރުމާއި، މާލޭގެ ތިން ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބު ކުރުމުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ބައި އިލެކްޝަންސްތައްކުރިއަށް ދާނެކަމަށް އެކޮމިޝަނުން ބުނެއެވެ.

ބައެއް ރަށްރަުގެ ބައި އިލެކްޝަންސްތަކަށް އެއްވެސް ކެނޑިޑޭޓެއް ވާދަނުކޮށްވެސް އެބަހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.