ކ. ތުލުސްދޫން ފުރައިގެން ކ.މާފުށްޓަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފިއެވެ.

މި ދޯންޏަކީ، "ޑޮނަޓެއްލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ދޯނި އަރާފައި ވަނީ، ކ.ގުޅިކައިރީގައި އޮންނަ ފަރަކަށެވެ.

މި ދޯނި އަރައިގެން އެކަމުގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީ ފަޅުވެރިން އެބަތިއްބެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:36 ގަ އެވެ މިއާއެކު، އެމްއެންޑީއެފްގެ ޓީމެއް ދޯނި އޮތް ސަރަހައްދަށް ގޮސް އެ ބޯޓުގައި ތިބި ހަތަރު ފަޅުވެރިން ވަނީ އެމްއެންޑީއެފް ހާބަކްރާފްޓް ލޯންޗުގައި މާލެ ގެނެސް ދީފައެވެ.

ފަރަށް އެރުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.