ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފިއެވެ.

މިވަގުތު ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދެމުން އަންނަ އުރީދޫ އަދި ދިރާގުގެ އިންޓަރނެޓް ބޭނުންކޮށްގެން ބަރަހަނާ ސައިޓްތަކަށް ނުވަދެވެއެވެ. މިގޮތަށް ބަރަހަނާ ސައިޓްތައް ރާއްޖޭގައި ބްލޮކްކުރި މިއީ ފުރަތަމަ ފަހަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ސަރުކާރުން އަންގައިގެން ކޮށްފައިވާ ކަމެކެވެ. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ސަރުކާރުން ވަނީ މިފަދަ ސައިޓްތައް ބްލޮކް ކުރަން އިއްޔެ އަންގާފައެވެ.

ރާއްޖޭގައި އެންމެ ގިނައިން މީހުން ވަންނަ 20 ވެބްސައިޓްތަކުގެ ތެރޭގައި ބަރަހަނާ 3 ވެބްސައިޓްވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރަން ގިނަ ބަޔަކު ގޮވާލި ނަމަވެސް, ސަރުކާރުތަކުން މީގެ ކުރިން ދިޔައީ ބަހަނާ ދައްކަމުންނެވެ. އަރަބި އިސްލާމީ ހުރިހާ ޤައުމެއްގެ އިތުރުން އަވައްޓެރި އިންޑިއާގައި ވެސް ބަރަހަނާ ވެބްސައިޓްތައް ހުންނަނީ ބްލޮކްކޮށްފައެވެ.