އިންޑޮނޭޝިޔާއިން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު އެއްމިލިއަން ފަހަނައަޅައި ހިނގައްޖެއެވެ.

އިންޑޮނޭޝިޔާއިން ބަލިޖެހުނު މީހުންގެ އަދަދު އެއްމިލިއަނަށް އެރީ މިއަދުއެވެ.

ބަލިޖެހޭ މީހުން ގިނަވެ، ހޮސްޕިޓަލްވެސް މިހާރު ފުރިގެން ބަލިމީހުންނަށް ފަރުވާނުދީ އަނބުރާ ފޮނުވާލަމުން ގެންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިންޑޮނޭޝިޔާގައި ބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ ޖާވާއާއި ބާލީގައެވެ.

ކޮވިޑްބަލި ޖެހޭ މީހުންގެ އަދަދު އެތައްގުނަ މައްޗަށްގޮސް، ބައެއް ރީޖަންތަކާއި ހޮސްޕިޓަލްތަކުގެ ބެޑް ކެޕޭސިޓީ %90 ފުރިފައިވާއިރު، ބައެއް ހޮސްޕިޓަލްތަކުގަ އެއްގޮތަކަށްވެސް ޖާގަ ނެތްކަމަށް މީޑިއާއިން ބުނެއެވެ.

އިންޑޮނޭޝިޔާ ސަރުކާރުގެ ކޮވިޑް-19 ޓާސްކްފޯހުން ބުނެފައިވަނީ، ހޮސްޕިޓަލްތަކުގައި ޖާގަނެތިގެން ބަލިމީހުންނަށް ފަރުވާނުދެވޭ ހާލަތަށް ހިނގައްޖެ ކަމަށާއި، ބައެއް ހޮސްޕިޓަލްތަކުން ބަލިމީހުން އަނބުރާ ފޮނުވާލަމުން ގެންދާ ކަމަށެވެ.

އިރުމަތީ ޖާވާގައި ހުންނަ ޕަބްލިކް ހޮސްޕިޓަލެއްގެ ޑޮކްޓަރ، ޑރ. އަޓޮކް އިރަވަން ވިދާޅުވީ، ހޮސްޕިޓަލުން ފަރުވާދޭން ޖެހެނީ ހަމައެކަނި ކޮވިޑްބަލި މީހުންނަށް އެކަނި ނޫން ކަމަށާއި، އެހެން ބަލިމީހުންނަށްވެސް ފަރުވާދޭން ޖެހޭ ކަމަށެވެ.

ވިއްސާރަ މޫސުމުގެ ސަބަބުން ޓައިފޮއިޑާއި، ޑައިރިއާގެ ބަލިމީހުން ވަރަށް ގިނަވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ހަމަ އެއާއެކު، ހޮސްޕިޓަލުން ކޮވިޑްބަލި މީހުންނަށް ފަރުވާދޭން ކަނޑައަޅާފައިވާ ތަންތަން ފުރިގެން އާންމު ވޯޑުތަކުގައިވެސް ކޮވިޑް ބަލިމީހުންނަށް ފަރުވާ ދެމުންގެންދާ ކަމަށް ޑރ. އަޓޮކް އިރަވަން ވިދާޅުވިއެވެ.

އިރުމަތީ ޖާވާގެ ބުރްހާން ހޮސްޕިޓަލުން ބުނީ، ވެންޓިލޭޓަރުތައް އިތުރުކޮށް އެނދުތައް އިތުރުކުރި ނަމަވެސް ޚިދުމަތްދޭނޭ ސްޓާފުން ނެތްކަމަށެވެ.

އިންޑޮނޭޝިޔާގައި ކޮވިޑްބަލި ފެތުރުން އިތުރުވެފައި ވާއިރު، މިބަލީގައި އެ ގައުމުން މިހާތަނަށް 28،500 މީހުން މަރުވެފައި ވެއެވެ.

އެގައުމުން ބަލިޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރައިގެންދިޔައިރު، 8 ލައްކައެއްހާ މީހުން ބަލިން ފަސޭހަވެފައި ވެއެވެ.