ކުޑަކުދިންނަށް ދިމާވާ ނޭދެވޭ ކަންކަމުން އެ ކުދިން ރައްކާތެރި ކުރުމަށް، ކުދިންނާ ގާތް ގުޅުމެއް ބަދަހިކުރަން ބެލެނިވެރިން ސަމާލުކަން ދޭޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު އއ. އުކުޅަހުގައި ބޭއްވި ކުޑަކުދިންގެ ހަވީރު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ސާޖިދާ ވިދާޅުވީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އެކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވެން އޮތީ ބެލެނިވެރިންނާއި ޓީޗަރުންނަށް ކަމުގައިވީއިރު، އެ ފަރާތްތަކުން ކުޑަކުދިންނާ ގާތް ގުޅުމެއް އުފައްދަން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.
ސާޖިދާ ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ކުދިންނަށް ގަނާ ކުރުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށާއި އެފަދަ ކަންކަން ހިއްސާކުރަން ބައެއް ފަހަރު ކުދިން ފަސް ޖެހޭ ކަމުގަ އެވެ. އެހެންކަމުން ކުދިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދެވޭނީ، ކުދިން އެފަދަ ވާހަކަ ނުދައްކާ ސަބަބު އޮޅުންފިލުވައި އެ ކުދިންނާ އޮންނަ ގުޅުން ހަރުދަނާ ކުރެވިގެން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"އެ ގުޅުން ބަދަހި ކުރެވިގެން ނޫނީ ހަގީގަތުގައި މިކަހަލަ ކަންކަމުން އަޅުގަނޑުމެންގެ ކުދިން ރައްކާތެރިއެއް ނުކުރެވޭނެ،" - ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެ ރަސްމިއްޔާތުގައި ސާޖިދާ އިތުރަށް ވިދާޅުވީ ޔުނިސެފާއި ފުލުހުން ގުޅިގެން އަތޮޅުތެރޭގައި ހިންގާ މިފަދަ ހަރަކާތްތަކަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ހިންގާ ކަމަށް ޓަކައި ސާޖިދާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އުކުޅަހުގައި ބޭއްވި މި ކުޑަކުދިންގެ ހަވީރަކީ ޔުނިސެފާއި ދިވެހި ފުލުހުން ހިދުމަތުގެ އިތުރުން އުކުޅަހު ކައުންސިލް ގުޅިގެން ބޭއްވި ހަރަކާތެކެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޔުނިސެފުން ބުނެ އެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.