ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް، އެޗްޕީއޭ އިން މާލޭ ސިޓީގައި ކާފިއު އިއުލާންކޮށްފި އެވެ.

މިފިޔަވަޅު އަޅާފައި ވަނީ މާލެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ އެވެ. މިއަދު އެކަނި ވެސް 93 މީހަކު މާލެ އިން ވަނީ ޕޮޒިޓިވްވެފަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމުގައި ވަނީ މި ހިނދުން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލަން އަންގާ ކަމަށެވެ.

ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ފަތިހު 04:00 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

އަދި މިހިނދުން ފެށިގެން މާލެ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރަން ވެސް ވަނީ ނިންމާފަ އެވެ. ހަމައެހެންމެ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުން ވަނީ ލާޒިމް ކޮށްފަ އެވެ.

އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ބަލި ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.