ކުރިޔަށް އޮތް އީދުގައި މާލެއާއި، ރާއްޖޭގެ ސިޓީތަކާއި ވެރިކަންކުރާ ހުރިހާ ރަށެއް ރީތި ދިއްލުންތަކުން އުޖާލާކޮށް ނަލަހަ އްދައިލެވޭނެ ކަމަށާއި، ތަކުބީރު ތަޙްމީދުގެ މާތް އަޑުން ދިވެހި ޖައްވު ގުގުމާލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އިއްޔެ ފާހަގަ ކުރި ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމީ ސިފަތަކާއި ޒަމާނީ ދިއްލުންތަކުން ދިވެހީންގެ އީދު ޒީނަތްތެރިކުރުމަކީ އެމަނިކުފާނުގެ ކެމްޕޭނުގެ ވަޢުދެއް ކަމަަށާއި، މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަމުގައެވެ.
ކަމާބެހޭ ތަކެތި ރާއްޖޭން ބޭރުން ގެނެސް، ކުރިޔަށް އޮތް އީދުގައި މާލެއާއި، ރާއްޖޭގެ ސިޓީތަކާއި ވެރިކަންކުރާ ހުރިހާރަށެއް ރީތި ދިއްލުންތަކުން އުޖާލާކޮށް ނަލަހައްދައިލެވޭނެކަމަށާއި ތަކުބީރު ތަޙްމީދުގެ މާތް އަޑުން ދިވެހި ޖައްވު ގުގުމާލާނެ ކަމަށް ހުރަވީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބިނާކުރާ ދިވެހިރާއްޖޭން އަޅުގަނޑު ދެކެން ބޭނުންވަނީ އެންމެ ކުރިއަރައިފައިވާ ޒަމާނީ ބިނާތައް. ހަމަ އެހެންމެ އަޅުގަނޑުމެން ބިނާކުރާ ދިވެހި ޤައުމުން އަޅުގަނޑު ދެކެން ބޭނުންވަނީ އެންމެ ތަހުޒީބު ރަނގަޅު މާތް އިސްލާމީ ރީތި ހުރިހައި ސިފައެއް. އެއީ ތިޔައިން ކޮންމެ ދިވެހި ރައްޔިތެއްގެ ހިތްހަމަ ޖެހުމާއި އުފާވެރިކަމަށް ޓަކައި،" ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި، ތަހުޒީބު މުޖުތަމަޢެއްގައި ވަޢުދަށް ކަމޭ ހިތާނެ ކަމަށާއި، ދީނަށް ތެދުވެރިވެ ގައުމަށް ވަފާތެރިވާނެ ކަމަށެވެ. އަދި އެފަދަ މުޖުތަމައެއްގައި، ހަމަޖެހުމާއި އެންމެން ގުޅިން އުފާވެރިކަމާއެކު ދިރިއުޅުމަށް ލޯބިކުރާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މާޒީއަށް ބަލާއިރު، ދިވެހި ވަންތަކަމުގެ ރަންޒަމާނުގައި ދިވެހި ޤައުމިއްޔަތު އޮތީ މި ފަދައިން ކަމަށެވެ.