އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އިއްޔެ ފާހަގަ ކުރި ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓްތައް ބްލޮކް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ވަނީ ނިމިފައި ކަމަށާއި، ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެފަދަ ސަައިޓުތަކަށް ވަނުމަކީ އިންސާނާގެ ހަލާކުކަމަށެވެ. ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާ ކަމެއްކަމަށާއި އެއީ އިންސާނާ ލޮޑު ކޮށްލައި އޭނާގެ އުފެއްދުންތެރިކަން މަރައިލާ ކަމެއް ކަމަށްވެސް ރައީސް ވަނީ ބުނެފައެވެ. އަދި މިފަދަ ހުތުރު މަންޒަރުތައް ބެލުމަކީ ނަފުސާނީ ބަލިމަޑު ކަމެއްގެ ތެރޭގައި މީހާ އަރަގު ކޮށްލާ ކަމެއް ކަމަށްވެސް ރައީސް ބުންޏެވެ.
"ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް. ދިވެހިރާއްޖޭގެ ޤާނޫނު މި ކަން މަނާ ކުރޭ. މި ނާތަހުޒީބު ދޮރުތައް ބަންދު ކުރަން ދިވެހީންގެ ގާނޫނާއި ދީން ވެރިޔާގެ މައްޗަށް ލާޒިމުކުރޭ. ހަމަ އެހެންމެ ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާ ކަމެއް. ލޮޑު ކޮށްލާ ކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރައިލާ ކަމެއް. ނަފުސާނީ ބަލިމަޑު ކަމެއްގެ ތެރޭގައި މީހާ އަރަގު ކޮށްލާ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި ވާކަމުގައެވެ.
އަދި ރާއްޖޭގެ ގާނޫނު ވެސް އެކަން މަނާކޮށްފައި ވާކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި އެކަށައެޅުފައި އޮތް އުސޫލެެއް ކަމުގައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓަން ކަމަށާއި، މި ސަރުކާރުން ބޭނުންވަނީ އިސްލާމްދީނަށް ނަޞްރުދީ، އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހައި ދިވެހީން އަހުލުވެރިވާން ކަމުގައެވެ.