ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީހުން ފިލާވަޅު ލިބިގަތުމަށާއި، އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށާއި، ދޮންބަންޑާރައިން ފަދައިން ގައުމީ ހިދުމަތަށްޓަކައި އިސްވެ ހަރަކާތްތެރިވާ، ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ހުރަވީ ދުވަހަކީ މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭ އަދި މުހިންމު އިބްރަތްތަކެއް ހާސިލުކޮށްދޭ ދުވަހެއް ކަމުގައި ވިދާޅުވެފައެވެ.

އަދި، ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް އަލި އަޅުއްވާލަައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާދިސާއިން ފެންނަ އަލި ފަރާތަކީ ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިހްލާސްތެރި މަދަދުވެރީންގެ ތެދުވެރިކަން ކަމަށާއި، ތާރީހުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ގައުމަށް ހިޔާނަތްތެރިވި ޝަމްސުއްދީނާއި މުހްޔިއްދީނާއި އެ ދެ މީހުންގެ ދައުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު ކަމުގައެވެ.