ފަލަސްތީނާއި މަސްޖިދުލް އަގްސާގެ ދިފާއުގައި ޖިހާދު ކުރަމުން އަންނަ މުޖާހިދުންގެ ހަމަލާތަކުގައި ސަހްޔޫނީ އިޒްރޭލުގެ 2 ސިފައިން އިއްޔެ މަރުވެފައިވާ ކަމަށް އިޒްރޭލުން އެއްބަސްވެއްޖެއެވެ.

ޓެރަރިސްޓް އިޒްރާއީލުގެ އަސްކަރިއްޔާއިން ވަނީ ރިޒާވް ސިފައިންގެ ދެ މީހަކު މަރުވެފައިވާކަން އިއުލާންކޮށްފައެވެ. މިއާއެކު އޮކްޓޫބަރު 7 ވަނަ ދުވަހުގެ ފަހުން މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިސްރާއީލުގެ ސިފައިންގެ އަދަދު ވަނީ 121 އަށް އަރާފައެވެ.

އިޒްރޭލުގެ ސޮރޯކޯ ހޮސްޕިޓަލުން ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މުޖާހިދުންގެ ހަމަލާތަކުގައި ޒަހަމްވެގެން އެހޮސްޕިޓަލަށް އިޒްރޭލުގެ 27 ސިފައިން ވަނީ ގެނެސްފައެވެ. މީގެ ތެރެއިން ސިފައިންގެ 3 މީހެއްގެ ހާލު ސީރިއަސް ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން ނަސްލު ނައްތާލުމުގެ ޤަތުލް އާންމުގައި މިދިޔަ ދެމަސް ދުވަހުގެ ތެެރޭގައި ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރިން ފަލަސްތީނުގެ 19،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން ހިންގަމުން އަންނަ ޤަތުލް އާންމު ހުއްޓުވުމަށް އ.ދ އިން ދެފަހަރެއްގެ މަތިން ކުރި މަސައްކަތް ވީޓޯގެ ބާރު ބޭނުން ކޮށްގެން ހުއްޓުވީ އެމެރިކާއިންނެވެ.