ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރުމަށް ޚާއްސަ ކުންފުންޏެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމަވައިފި ކަމަށް ރައީސް އޮޮފީހުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަލަށް އުފައްދަވަނީ "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ މިއީ %100 ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށެވެ.

މި ކުންފުންޏާއެކު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފު ކުރެވިގެންދާނޭ ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.

މަސްވެރިކަމަކީ ރާއްޖޭ އިގްތިސާދުގެ މައި ތަނބެެއް ކަމަށްވާއިރު އެދާއިރާގެ ކަންކަން ރަނގަޅުކޮށް ވަރުގަދަ ކުރުމަކީ ސަރުކާރުން މަސައްކަތް ކުރައްވާ ކަމެކެވެ. މީގެ އިތުރުން މަސްވެރިންނަށް އެކަށީގެން އަގެއް ލިބޭނޭ ގޮތަށް ކަންކަން ބައްޓަން ކުރެއްވުމަކީ ވެސް ސަރުކާރުގެ ވަރަށްބޮޑު ވިސްނުމެކެވެ.