ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދޭން ސަރުކާރުން ނިންމައިފިއެވެ. އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުންނެވެ.

ވަޒީރުންގެ މި ނިންމެވުން އިއުލާން ކުރެއްވީ، ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯކްސްޕާސަން މުހައްމަދު ޝަހީބެވެ.

ހައްޖަށް ދިއުމަށް ގިނަ އަދަދެއްގެ ބަޔަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގައި ރަޖިސްޓަރީ ވެފައި ތިބި ތިބުމަށް ރިއާޔަތްކޮށް ހައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާންމުރައްޔިތުންގެ އިތުބާރު ބޮޑު ކުރުމަށްޓަކައި ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

ހައްޖުކޯޓާގެ ގޮތުގައި ރާއްޖެއަށް ލިބެމުން އަންނަނީ އެއްހާސް ކޯޓާ ކަމަށް ޝަހީބު ވިދާޅުވިއެވެ. މިކަމަކީ، އާންމު ރައްޔިތުންނަށް ވަރަށްބޮޑު ލުއި ފަސޭހަައެއް ލިބިގެންދާނެ ކަމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވި ކަމަށް ޝަހީބު ވިދާޅުވިއެވެ.

މި ވައުދަކީ 31 އޮގަސްޓްގައި ޅ. ނައިފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެއްކަންވެސް ޝަހީބު ވަނީ ވިދާޅުވެފައެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލަކީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ބައެއް ބިޑް އުސޫލުން އެންމެ ދަށް އަގެއް ހުށަހަޅާ އަމިއްލަ ކުންފުނިތަކަށް ދިނުމެވެ. އެ ގޮތަށް ދޫކުރުމުން ބޮޑު އަގުގައި ކޯޓާ ވިއްކާ މައްސަލަ އަބަދުވެސް އޮވެއެވެ.