އަންނައަހަރުގެ ރަމަޟާން މަހުން ފެށިގެން އެމަހުގެ ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ. މި ނިންމުން ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މި ނިންމެވުމާ ބެހޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ގޮތަށް ކަނޑައެޅުއްވީ އަޅުކަމުގައި އުޅުމުގެ ފުރުސަތު ހުރިހާ މުވައްޒިފުންނަށް ތަނަވަސް ކޮށް ދިނުމުގެ ގޮތުން ކަމަށެވެ.
ރޯދަމަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.