ބަނގްލަދޭޝްގެ މަސައްކަތްކަތްތެރިންނަށް ރާއްޖެއަށް އެތެރެނުވެވޭނޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް އެފުރުސަތު މިސަރުކާރުން އަލުން ހުޅުވާލުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ފާޑު ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2019 ވަނައަހަރުގެ ކުރިން ބަންގަލަދޭޝްގެ ވަގުފާރި ވިޔަފާރިއަކީ އަހަރަކު އެތައް ބިލިއަން ރުފިޔާ ލިބޭގޮތަށް ބަޔަކު ކުރަމުންދިޔަ މުޑުދާރު ވިޔަފާރިއެއް ކަމަށެވެ. އެހެންނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އެކަން ހުއްޓުވާފައި ކަމަށް އޭނާ ވިދާޅުވިއެވެ. "ފަސް އަހަރު ހުއްޓުވާފައި އޮވެ އަލުން ޤާނޫނާ ޚިލާފަށް މިކަން ހުޅުވާލުމަކީ ޤައުމީ ސަލާމަތަށް އަދި ދިވެހި އިޤްތިސާދާއި އިޖުތިމާއީ ފޭރާމަށް ހުރިނުރައްކަލެއް،" ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ.

އެއް ޤައުމަކުން އެއްވަގުތަކު އެއްލައްކައަށްވުރެ ގިނަ މީހުންނަށް ރާއްޖޭގައި ނުތިބެވޭނެއެވެ. "ކޯޓާ ދޫކުރުން އަދި އިމިގްރޭޝަން ހޯމް މިނިސްޓްރީ ދަށުގައި އޮވެ، ކޯޓާ ފްރޯޑް ތުހުމަތުގައި ޕޮލިސްގައި ކޭސް ފައިލް ކުރެވިފައިވާ ފަރާތަކާ ކޯޓާ ކަންކަން ހަވާލުކޮށް ޤާނޫނުގައި ކަނޑައެޅިފަވާ އަދަދު ހަމަވެފަވާ ޤައުމަކުން ޤާނޫނާ ޚިލާފަށް ހަމައެކަނި މީހުން އެތެރެކުރަން ނިންމީމަ ވަރައްސުވާލު އުފެދޭ" ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.