ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތެއް ރައީސް ޑރ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތެއް ކަނޑައަޅާފައި ކަމާބެހޭ ވުޒާރާ އޮފީސްތަކުން ކުރިއަށްގެންދަވާނެކަމަށް ޝަހީބު ވިދާޅުވިއެވެ.
14 ސެޕްޓެމްބަރ އދ މަހިބަދޫ އަދި 21 ސެޕްޓެމްބަރ ބ ކަމަދޫ ޖަލްސާގައި ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުފުޅެއްކަމަށާއި މި ތަންފީޒުވެގެންދަނީ އެވައުދުފުޅުކަމަށްވެސް ޝަހީބު ވަނީ ވިދާޅުވެފައެވެ.
ފުޅާދާއިރާގައި ކުރެވޭނެ ކަމަކަށް ވީމަ ކަމާގުޅޭ އެހެނިހެން މިނިސްޓްރީތަކުގެ މަޝްވަރާއާއި ލަފާގެ މަތިން މި ސިޔާސަތަށް އިތުރުކުރެވޭނެ ބައިތައް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ އިތުރުކުރައްވާފައިވާ ކަމަށްވެސް ޝަހީބު ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެ ގޮތަށް ޕްލޭނިން އަދި ކޮންސްޓްރަކްޝަނާ ގުޅޭ ގަވާއިދުތަކަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ގެންނެވުމަށްޓަކައިވެސް ވަނީ ނިންމަވާފައި، ބައެއް އޮފީސްތަކުގައި އަރާ ފޭބުމަށް ސިޑިފަދަ ދަތިކަންކަމާއި އެކަށީގެންވާ ގޮތަކަށް ފުރޮޅުލީ ގޮނޑިއަށް ނުވަދެވޭ ގޮތަށް، އެހާ ފަސޭހަކަމެއް ނެތްގޮތަށް ހުރި ތަންތަނުގެ ކަންތައްތައް ވީއެންމެ އަވަސް ކުރު މުއްދަތެއްގެ ތެރޭގައި ހައްލު ހޯއްދެވުމަށް ނިންމަވާފައިވަކަންވެސް ޝަހީބު ވިދާޅުވިއެވެ.
އެގަވާއިދުތަކާ އެއްގޮތަށް މިހާރު ހުރި އިމާރާތްތަކަށް ގެނެވޭނެ ބަދަލުތައް ބައްލަވައި ގެންނަން ޖެހޭ ބަދަލުތައް ގެންނެވުމާއެކު ކުރިއަށް އޮތްތަނުގައި ދެން އިމާރާތް ކުރާ ތަންތަންވެސް އެގަވާއިދުތަކާ އެއްގޮތަށް އިމާރާތް ކުރުމަށްވެސް ކެބިނެޓުން ނިންމަވާފައިވާ ކަން ވެސް ޝަހީބު ހާމަކުރެއްވިއެވެ.