ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރުމަށް ސަރުކާރުން ހިންގަވާ ހަރާކާތްތަކުގެ ތެރޭގައި ހިމެނޭ ހުރަވީ ދުވަހުގެ ހާއްސަ މައުރަޒު" ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

މި މައުރަޒަކީ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒު ގުޅިގެން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ ހާއްސަ މައުރަޒެކެވެ. މި މައުރަޒުގައި ބަހައްޓާފައިވާ ތަކެތީގެ ތެރޭގައި ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކާއި، އިހުގައި ބޭނުންކޮށްފައިވާ ބައެއް ހަތިޔާރުތައް ހިމެނެއެވެ.

ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކުގެ ތެރޭގައި ތުރުކުރެއްވި ފަގުޑިކޮޅާއި، ބޭނުންކުރެއްވި ލޮންސިކޮޅާއި، ދޮންބަންޑާރައިންގެ ރަސްކަމުގައި ޖެއްސެވި ފައިސާފޮތިކޮޅުތައް ހިމެނެއެވެ. މީގެ އިތުރުން މަލާބާރީން މާލެއަރައި ހިންގި ކަންކަމާ ބެހޭ ޚުލާސާ މަޢުލޫމާތުތައް ހިމެނޭ ލޯ ފަތްކޮޅެއްވެސްވެއެވެ.

މި މަޢުރަޒު ހުޅުވައިދެއްވުމަށްފަހު ސާޖިދާ ވަނީ އެ މައުރަޒު ބައްލަވާލައްވައި މައުރަޒުގައި ހިމެނޭ އާސާރުތަކާބެހޭ މައުޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ދާރުލްއާސާރުގެ އިތުރު ކަލެކްޝަންތައް ހިމެނޭ ތަންތަނަށްވެސް ޒިޔާރަތްކުރައްވައި އެ ކަލެކްޝަންތަކާބެހޭގޮތުން ވެސް އެކަމަނާ މައުލޫމާތު އޮޅުންފިލުއްވިއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތު ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ދުވަހާގުޅޭ ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަދު ބޭއްވި މި މައުރަޒުގެ އިތުރުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އިންތިޒާމްކޮށްގެން މިދިޔަ ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވެވިއެވެ.