ދިވެހި ފުލުހުންނާއި ކަސްޓަމްސް އާއި އިމިގްރޭޝަނާއި އަދި ކަރެކްޝަންސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 5.5 މިލިޔަން ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗާއި ރާ އަތުލައިގެންފިއެވެ.

މިކަން ހާމަކުރެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.

ވަޒީރު އަލީ އިހުސާން އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ދެހަފްތާގެ މުއްދަތަށް ކުރިއަށް ދިޔަ އޮޕަރޭޝަނެއް ކަމަށެވެ. އަދި މިއީ ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާގެ ދަށުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށްވެސް ވަޒީރު އިހްސާނު ވިދާޅުވެފައިވެއެވެ. ހަމައެހެންމެ މި އޮޕަރޭޝަންގައި 53 ބިދޭސީއަކުވެސް ހައްޔަރުކޮށްފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިއީ ރައީސް މުއިއްޒުގެ އާ ސަރުކާރު ހުވާ ކުރި ފަހުން، މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.