"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

މޯލްޑިވްެސް ޒަކާތު ހައުސް ގެ ނަމުގައި އުފެއްދި މިއިދާރާ ހިނގަމުން ދާނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.

މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ފުޅާކުރުމަށެވެ. މީގެ އިތުރުން މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.

”މޯލްޑިވްސް ޒަކާތު ހައުސް“ ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި މީގެއިތުރަށް ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުން ހިމެނއެވެ. ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ވެސް މި އިދާރާއިންނެވެ.