އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ބްރޮމިޗް 0-5 އިން ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލުގެ އެއްވަނައަށް ޖެހިލިއިރު ފަހަތުން އަރައި ސައުތެމްޓަން 1-3 އިން ބަލިކޮށް އާސެނަލް ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު އާކޮށްފިއެވެ.

ވެސްޓް ބްރޮމިޗުގެ ދަނޑުގައި މޮޅަށް ކުޅެ މެންޗެސްޓަރ ސިޓީން ތަފާތު ބޮޑު މޮޅެއް ހޯދިއިރު ލަނޑުތައް ކާމިޔާބު ކޮށްދިނީ މިހާރު ރަނގަޅު ފޯމެއްގައި ހުރި ޖަރުމަނުގެ މިޑްފީލްޑަރު އީކާ ގުންޑޮގަން އާއި ޖައޯ ކެންސަލޯ، ރިޔާދު މަހެރޭޒް އަދި ރަހީމް ސްޓާލިންއެވެ. މީގެ ތެރެއިން ގުންޑޮގަން ވަނީ ދެލަނޑު ކާމިޔާބު ކޮށްދީފައެވެ.

އަނިޔާގެ ސަބަބުން އިތުބާރު ޕްލޭމޭކަރ ކެވިން ޑިބްރޭނާ ނުލައި ކުޅުނު މިމެޗަށްފަހު މެން.ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މެޗުގެ ފުރަތަމަ ދެތިން މިނެޓް ފިޔަވައި ދެން ހުރިހާ ކަމެއް ދިޔައީ ހިތްހަމަ ޖެހޭ ގޮތަށް ކަމަށެވެ. "ކުޅުންތެރިންނަށް މަރުހަބާ ކިޔަން. މެޗުގެ ފުރަތަމަ ދެތިން މިނެޓް ދިޔައީ އަހަރެމެން ބޭނުންވި ގޮތަކަށް ނޫން. އެކަމަކު އޭގެފަހުން މުޅި މެޗުގައި ކުޅުންތެރިން ދެއްކީ އަހަރެން ބޭނުންވިފަދަ ކުޅުމެއް. ކުޅުންތެރިންގެ މޫވްމަންޓްސްއަށްވުރެ ގިނައިން އަހަރެމެން ބޯޅަ މޫވްކުރިން. ޑިފެންޑަރުން މެޗުގެ ފުރިހަމަ ވަގުތު ހަމަވަންދެން މެޗަށް ސަމާލުކަންދިން. މިޑްފީލްޑް ލައިނާއި ފޯވާޑް ލައިނުން ޑިފެންސަށް އެހީތެރިވުމުގައި މަސައްކަތް ކުރި" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އިތުރަށް ބުނީ މީގެ ތިންމަހެއްހައި ދުވަސް ކުރިން ލެސްޓަރ ސިޓީން ގިނަ ލަނޑުތަކެއް މެން.ސިޓީ ކޮޅަށް ޖެހި ކަމަށާއި އެކަމަކު މިހާރު ޓީމުގެ ޑިފެންސްލައިނުގެ ހާލަތު ރަނގަޅުވެފައިވާ ކަމަށެވެ. "މީގެ ދެތިންމަސް ކުރިން ލެސްޓަރ ސިޓީން ލެސްޓަރއިން އަހަރެމެން ކޮޅަށް ގިނަ ލަނޑުތަކެއް ޖެހި. އެކަމަކު މިހާރު މިވަނީ ޓީމުގެ ޑިފެންސްލައިނުގެ ހާލަތު ބަދަލު ކުރެވިފައި. ވަރުގަދަ މުބާރާތެއްގެ ފަހުކޮޅުގައި މުބާރާތް ކާމިޔާބު ކުރެވޭނެ ހިސާބުގައި އޮވެވޭނީ ވަރުގަދަ ޑިފެންސްލައިނަކާއެކު" މީގެ ކުރިން ދެފަހަރު މެން.ސިޓީއަށް ލީގް ކާމިޔާބު ކޮށްދީފައިވާ ކޯޗް ގާޑިއޯލާ ބުންޏެވެ.

ލީގުގައި ތާވަލުގެ އެއްވަނައިގައި މެން.ސިޓީ އޮތީ މިހާތަނަށް ކުޅުނު 19 މެޗުން ލިބުނު 41 ޕޮއިންޓާއެކުއެވެ. ސިޓީއާ އެއްއަދަދަކަށް މެޗް ކުޅެގެން އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.

އާސެނަލް މޮޅުވީ ރަށުން ބޭރުގައި ސައުތެމްޓަންމްގެ ސްޓުއާޓް އާމްސްޓްރޯންގް މެޗުގެ ތިންވަނަ މިނެޓުގައި ލީޑް ނަގާފައި ވަނިކޮށް ނިކޮލަސް ޕެޕޭ އާއި ބުކަޔޯ ސަކާ އަދި އެލެގްޒެންޑާ ލަކަޒައްޓޭ ކާމިޔާބު ކުރި ލަނޑުތަކުންނެވެ. މިމޮޅާއެކު އާސެނަލް އޮތީ 30 ޕޮއިންޓާއެކު ތާވަލުގެ 8 ވަނައިގައެވެ.