ގދ. އަތޮޅު ކައުންސިލުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް މިއަދު ބައްދަލުކުރައްވައި އެ އަތޮޅުގެ ތަރައްގީއަށް އެންމެ މުހިންމުކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ގދ. އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ސިއްހީ ހިދުމަތްތައް ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހިމެނެއެވެ.
އަދި އަތޮޅުގެ އެކިރަށްރަށުގެ އުމްރާނީ ތަރައްގީޤީއަށް ރޭވިފައިހުރި މަޝްރޫއުތައް ނުހުއްޓި ކުރިޔަށްގެންދިއުމާއި އަތޮޅުގައި ހުރި ފަޅުތަކާއި ފަޅުރަށްތަކުގެ ނަފާ އެންމެ ފުރިހަމަގޮތުން ލިބޭނެ ގޮތްތަކަށް ކަންކަން އިންތިޒާމުވުމުގެ މުހިންމުކަމާއި އަދި އަތޮޅަށް އިގްތިސާދީ އިޖްތިމާއީ ކުރިއެރުން ގެނައުމަށް ބޭނުންވާ މުހިންމުކަންތައްތައް ވެސް އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އަތޮޅުކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ އެއަތޮޅުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންތައްތައްކަން ފާހަގަކުރައްވައި ސަރުކާރުން އަދި އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ހައްލުކޮށްދެއްވުންކަން ފާހަގަކުރެއްވިއެވެ.
ގދ އަތޮޅުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ވެސް މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވައި އެކަންކަން ކުރިޔަށްގެންދަވާނީ ރައްޔިތުންނާއި މަޝްވަރާކުރެވިގެންކަންވެސް ނައިބުރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވިކަންކަމުގައި ކަމާގުޅޭ ވުޒާރާ އަދި އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން ލަތީފް ވިދާޅުވިއެވެ.