ހއ އުލިގަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށް ތައްޔާރީތައް ފަށައިފިއެވެ.

އަންނަ އަހަރުގެ މަސްފިހުމުގެ ހަރަކާތް ޖަނަވަރީ ދެވަނަ ދުވަހަށް ތާވަލުކޮށް ސްޓިއަރިން ކޮމެޓީ އެކުލަވާލައި މިހާރު ވަނީ ތައްޔާރުވާން ފަށާފައެވެ.

މިގޮތުން މަސް ފިހުމަށް ބޭނުންވާ ދަރު އެއްކުރުމަށް މި މަހުގެ 23 ވަނަ ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ. އެ ދުވަހު ރަށުގެ ފިރިހެން ވެރިން ނުކުމެ ވަލުތެރެއިން ހިކިގަސް ހޯދައި އެ ކަނަޑައި ބޭނުންވާ މިންތަކަށް ބުރިކޮށް ބަނދަރަށް ޖަމާކުރާނެއެވެ. މި މަސައްކަތުގައި ފިރިހެން ވެރިން ހަރަކާތްތެރިވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ ކަނބަލުން ފިނި ބުއިންތަކާއި ކެއުންތައް ފޯރުކޮށްދޭނެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ މަސްފިހުމުގެ ހަރަކާތް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ ރަށު ބަނދަރު ސަރަހައްދުގައެވެ.

މީގެ އެތައް އަހަރެއްގެ ކުރިން އުލިގަމުގައި ފެށުނު މިހަރަކާތަކީ މިހާރު އެ ރަށުގެ ބްރޭންޑަކަށް ވަނީ ވެފައެވެ. ވުމާއިއެކު ކުރިއާއި ހިލާފަށް މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ އެ ރަށުގެ ކައުންސިލުގެ ހަރަކާތް ކަލަންޑަރުގައި ހިމަނައިގެން ކައުންސިލުން ހަރަދު ކޮށްގެން ރަށު އެންމެން ބައިވެރިވުމާއި އެކުގައެވެ.

އުލިގަމުގެ އާބާދީގައި ފަސްސަތޭކައަށްވުރެ ގިނަ މީހުންތިބިއިރު މި ހަރަކާތުގައި ގާތްގަނޑަކަށް 700 އެއްހާ މަސް ފިހަން ވަނީ ނިންމާފައެވެ. މިއީ ސްކޫލް ބަންދު ދުވަސްވަރަށް ވުމުން މި ހަރަކާތަށް ރަށުން ބޭރުގައި އުޅޭ ރަށު މީހުންނާއި، އެހެން ރަށްރަށުގެ މީހުން ޒިޔާރަތް ކުރާނެއެވެ.

މި ހަރަކާތުގައި އެ ރަށުގައި ދިރިއުޅޭ ބިދޭސީން ވެސް ބައިވެރި ކުރެއެވެ. އަދި މިހުރިހާ ފަރާތްތަކަށް ބޭނުންވާ ވަރަށް މި އަހަރު ވެސް މަސް ފިހުމަށް ވަނީ ނިންމާފައެވެ.