އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އަހައިފައެވެ.

މި ބިލު ފާސްކުރުމަށް ތަޅުމުގައި ނެގުނު ވޯޓުގައި އެ ވަގުތު މަޖިލީހުގެ ތަޅުމުގައި ތިއްބެވި 68 މެމްބަރުން ވެސް ވަނީ ބިލު ފާސްކުރައް ވޯޓު ދެއްވާފައެވެ.

މި ބިލަކީ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ބިލެކެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ވަޒީފާ އަދާ ކުރާ މީހުނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ މުހިންމު ހައްގުތައް ކަށަވަރު ކޮށްދޭނެ ގާނޫނީ އޮނިގަނޑު އެކުލަވާލަން ފަހިކޮށްދިނުމެވެ.

މިއަދު ފާސްކުރި މި ބިލުގައި މަސައްކަތްތެރިންގެ ޖަމިއްޔާތަކުގެ ހައްގު ލިބިދެވޭނެ ދާއިރާތައް އެކަށައަޅާފައިވާއިރު، މަސައްކަތްތެރިންގެ ޔޫނިއަންތަކާއީ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި ހިންގުމާ ގުޅޭ އުސޫލުތައް ވެސް ބަޔާންކޮށްފަވެއެވެ. މީގެ އިތުރުން ޓްރޭޑް ޔޫނިއަންތަކާ ގުޅޭ ކަންކަން ތަންފީޒުކުރުމުގެ އުސޫލުތަކާއި، މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރަން ކަލެކްޓިވް ބާގެއިނިން އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.

މި ގާނޫނާއެކު ޔޫނިއަންތައް އުފައްދައި ހިންގުމުގެ ހައްގު މަސައްކަތްތެރިންނަށް ގާނޫނީ ގޮތުން ކަށަވަރު ވެގެން ދިޔައީ އެވެ.