ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް މިއަދު މާލެ ސަރަޙައްދުން ހިއްކަންފެށި ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ "ރަސްމާލެ" ތަރައްގީ ކުރާނީ ޒީރޯ ކާރބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރަސްމާލެ" ބިންހިއްކުމުގެ މަޝްރޫއު އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުށިދިއްގަރު ފަޅުގައި މިއަދު ހަވީރު ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

"މިތަން އަޅުގަނޑުމެން މި ތަރައްޤީ ކުރަނީ، ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެން. މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ. އެހެންވީމާ، އިންޓަރނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި، ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މިތަން ހިކިގެންދާނީ" .
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

މީގެއިތުރުން ރައީސް ވިދާޅުވީ ރަސްމާލޭގައި ތަރައްގީކުރާ ހުރިހާ ވަސީލަތްތައް ގާއިމުކުރުމުގައި ވެސް ތިމާވެއްޓާއި ރަށްޓެހި ގޮތްތައް ހިޔާރުކުރައްވާނެ ކަމަށާއި، މިތަން ތަރައްގީކުރާނީ ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާހައުލެއް ބިނާކުރެވޭނެ ގޮތަކަށްކަމުގައެވެ.

އަދި ރަސްމާލޭގައި ދުއްވާ އުޅަނދުފަހަރު ވެސް ވާނީ ތިމާވެށްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރު ކަމަށާއި އަދި މުޅި ސިޓީ ހިންގުމުގައި ވެސް ބޭނުންކުރާނީ ޢިއާދަކުރަނިވި ހަކަތަކަމުގައި އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.

ހަމައެއާއެކު އެ ރަށް ތަރައްގީކޮށް ނިމޭއިރު އެތަން ވާނީ ތިމާވެއްޓާއި ރަށްޓެހި، ފެހިކަން ގަދަ، އިކޯ ސިޓީއަކަށް ކަމުގައްޔާއި އަދި، އެ ރަށު ބައިނަލްއަގުވާމީ މައިދާނުގައި ބްރޭންޑް ކުރެވިގެން ދާއިރުގައި، ރަސްމާލެއަކީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި ކަނޑައަޅުއްވާނެކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ރަސްމާލެއަކީ މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައި ތަރައްގީކުރާނެ ތަނެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ރަސްމާލޭގައި ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ދެވޭގޮތަށް ޑިޒައިން ކުރެވިފައި ހުންނާނީ. މަގު ވިޔަސް، އާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްގީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް." .
އެމަނިކުފާނު ވދާޅުވިއެވެ

އަދި މި ސަރުކާރުން ގުޅީފަޅުގައި އިތުރަށް 85 ހެކްޓަރު ހިއްކާނެ ކަމަށާއި، ގިރާވަރު ފަޅުގައި އިތުރަށް 50 ހެކްޓަރު ހިއްކާނެ ކަމުގައި ކަމަށާއި އަދި ހުޅުމާލެއާއި، ރަސްމާލެއާއި، ގުޅިފަޅާއި، ގިރާވަރު ފަޅު، ގުޅުވާލައި ނިމުމުން މިތަންތަން ވެގެންދާނީ، މާލޭ ސަރަހައްދުގެ ގެދޮރުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެސްދޭ ތަންތަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ. މިކަމުގައި ރައީސް ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ. މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަހައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއެވެ. އަދި މި މަޝްރޫއު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.