ހުޅުމާލޭގެ ފްލެޓެއްގައި ދަރިއަކު އޭނާގެ މަންމައަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލައިފިއެވެ.

މިކަން ހިނގައިފައި ވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގައެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅީ މިއަދު 18:50 ގައެވެ. މިހާދިސާއާ ގުޅޭ ގޮތުން ފުލުހުން ދިން މައުލޫމާތުގައި ބުނީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 51 އަހަރުގެ އަންހެނަކަށް ކަމަށެވެ. އަދި އަނިޔާ ލިބުނު މި އަންހެންމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ މިހާރު ދެމުން އަންނަ ކަމަށެވެ.

ހާދިސާގައި އަނިޔާވި މިއަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވީ، މިހައިތަނަށް ބެލި ބެލުމުން، މި ހަމަލާ ދީފައި ވަނީ، އާއިލީ މައްސަލައެއްގައި ދަރިއަކު އޭނާގެ މަންމަ އަކަށް ކަމަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލަ، ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ.