ޔޫ.އެން.ޖީ.އޭ 75 ވަނަ ސެޝަންގެ ހައި-ލެވެލް އިވެންޓް “ސްޓްރެންތެނިންގ ކޮމިޓްމެންޓްސް ޓު ޕްރިވެންޓް، ރެސްޕޯންޑް އެންޑް ޕްރޮޓެކްޓް އެގެއިންސްޓް ސެކްޝުއަލް އެންޑް ޖެންޑަރ ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް” ގައި މިނިސްޓަރ ޢާއިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.
މި އިވެންޓަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި، ޖިންސީ އަނިޔާއިން ރައްކާތެރިވުމާއި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމުތަކުން ކުރިއަށް އޮތް 12 މަހަށް ރާވާފައިހުރި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު އިވެންޓެއް ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ވާރޗުއަލް ކޮށް ބޭއްވި މި އިވެންޓްގައި 2019 ވަނަ އަހަރު އޯސްލޯގައި، ބޭއްވުނު “އެންޑް ޖެންޑަރ ބޭސްޑް ވަޔަލެންސް” ކޮންފަރެންސްގައި ނިންމި ނިންމުންތައް ގައުމުތަކުން ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކޮށްފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ޖެންޑަރ މިނިސްޓްރީން ވަނީ ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިމަހުގެ ތެރޭގައި އިތުރަށް ހަރުދަނާ ކޮށް އެމަސައްކަތް ފަށާފައެވެ.
މީގެ އިތުރުން “ވަރޗުއަލް މީޓިންގ އޮފް ކޮމަންވެލްތު މިނިސްޓަރސް ފޮރ ވިމެންސް އެފެއާޒް އެންޑް ޖެންޑަރ އެންޑް ޑެވެލޮޕްމަންޓް އޮން ކޮވިޑް-19″ގައި ވެސް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ދާދިފަހުން ބައިވެރިވެވަޑައިގެންފިއެވެ.