އިޒްރޭލުގެ ޒަޔަނިސްޓުންނަށް އެމެރިކާއިން ކުރަމުން އަންނަ ތާއިދު ގުޑުގުޑު ނާޅާނެ ކަމަށް އެމެރިކާގެ ޑިފެންސް ސެކެޓަރީ ލޮއިޑް އޯސްޓިން ވިދާޅުވެއްޖެއެވެ.

އޯސްޓިން މިހެން ވިދާޅުވީ އިއްޔެ އިޒްރޭލުގެ ޑިފެންސް މިނިސްޓަރ، ގަލަންޓް އާއިއެކު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައެވެ. މި ޕްރެސް ގައި ވާހަކަ ދައްކަމުން ލޮއިޑް ވިދާޅުވެފައިވަނީ އެމިރިކާއިން ދަނީ ޣައްޒާއަށް އެހީގެ ތަކެތި ފޯރުކޮށްދެވޭ މިންވަރު އިތުރު ކުރުމަށް އިޒްރޭލުގެ އޮތޯރިޓީސްއާ ވާހަކަ ދައްކަމުން ކަމަށެވެ. މީގެ އިތުރުން ޣައްޒާގައި ޝަހީދުވަމުން އަންނަ އާންމު ރައްޔިތުންގެ އަދަދު ވީހާވެސް މަދު ކުރާނެ ގޮތަކާއި މެދު ގަލަންޓްއާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޯސްޓިން ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 19،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 52،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.