އިޒްރޭލުގެ ޒަޔަނިސްޓުން "ހައިހޫނުކަން" ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން ދާކަމަށް ނިއު ޔޯކްގެ ހިއުމަން ރައިޓްްސް ވޮޗް ތުހުމަތު ކޮށްފިއެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ބުނާގޮތުގައި ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ތަކެތި އެތެރެ ކުރުން މަނާ ކުރުމަކީ އިޒްރޭލުން "ހައިހޫނުކަން" ހަނގުރާމައިގެ އުކުޅެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމުގެ ހެތްކެވެ. އަދި މިއީ ހަނގުރާމައި ކުރުން މަނާކަމެއް ކަމަށާއި ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗް އިން ވަނީ އިޒްރޭލް ކުށްވެރިކޮށްފައެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުގެ ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 19،400 އަށް ވުރެ މައްޗައް އަރާފައެވެ. އަދި ޒަހަމްވެފައި ވާ މީހުންގެ އަދަދު 52،000 އަށް ވުރެ މައްޗައް އަރާފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.