ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

އާރުއޭސީއެލް ހާމަ ކުރެއްވި ގޮތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން އާއި އިސް އޮފިޝަލުން، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރީ މުހިންމު ގޮތެއްގައި ކުޅުދުއްފުށީ އެއާޕޯޓުގެ އާ ޓާމިނަލް ކޮންސެޕްޓް ހުށަހަޅައި ފައިނަލް ކުރުމަށެވެ.

އާ ޓާމިނަލް މަޝްރޫއުގެ މަގުސަދަކީ އެއާޕޯޓުގެ އިންފްރާސްޓްރަކްޗާ އިތުރަށް ފުރިހަމަކޮށް، އިތުރު ޕާކިން ޖާގަތަކާއި ލޭންޑްސްކޭޕިން ހެދުމެވެ.

މިކަމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ތަރައްޤީގެ އެހެން ފުރުޞަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާތައް މި ބައްދަލުވުމުގައި ކުރެވުނު ކަމަށާއި އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އާރުއޭސީއެލްއިން ހާމަ ކުރައްވައެވެ.

އާރުއޭސީއެލް ހާމަ ކުރެއްވި ގޮތުގައި މި ކުޅުދުއްފުށީ ކައުންސިލާއެކު ބޭއްވި މިބައްދަލުވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ 14 ވަނަ ހަފްތާގެ ރޯޑްމެޕާ އެއްގޮތަށް ކުރިއަށްގެންދިޔަ ބައްދަލު ވުމެކެވެ.