ގައުމީ ސަލާމް ކިޔުމަކީ ހުއްދަކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

ފަތުވާދޭ މަޖިލީޙުން ނެރެފައިވާ ފަތުވާގައި ވާގޮތުން ގައުމީ ސަލާމް ކިޔުމާއި އަދި ދިދައާ ސަލާމް ކުރުމަކީ މައްސަލައެއް ނޫނެނެވެ. އަދި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ހުރެ މޭމަތީގައި އަތް ބޭއްވުމަކީ ވެސް މައްސަލެއް ނޫނެވެ. އެ މަޖިލީހުން ނެރެފައިވާ ފަތުވާގައި ވަނީ ގައުމީ ސަލާމް ކިޔުމަކީ ދީނުގެ އެއްވެސް އަޅުކަމަކާއި ގުޅުން ހުރި ކަމެއްނޫން ކަމަށެވެ. އެއީ އާދަކާދައާއި ގުޅުން ހުރި ކަމެށް ކަމަށެވެ. އަދި އާދަ ކާދައާ ގުޅުން ހުރި ކަމެއް ހަރާމް ކަމެއްގެ ގޮތުގައި ބުނެވޭނީ އެކަން ހަރާމް ކުރާ ސައްހަ ދަލީލެއް އޮވެގެން ކަމަށެވެ. މިފަދަ ދަލީލެއް ނެތުމުން އެއީ ހުއްދަ ކަމެއްގެ ގޮތުގައި ފަތުވާދޭ މަޖިލީހުން ވަނި ނިންމާފައެވެ.

ގައުމިއްޔަތަށް ލޯބި ޖެއްސުމަށް، ސްކޫލުތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށާ ގޮތަށް އާ ސަރުކާރުގެ ކެބިނެޓުން ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ނިންމައިފަ އެވެ. ކުރިން ހުރިހާ ސްކޫލެއްގައި ވެސް ކިޔެވުން ފެށެނީ ގައުމީ ސަލާމުންނެވެ. ނަމަވެސް ދީނީ ހިލާފުވުން ތަކާ ހެދި ބައެއް ސްކޫލުތަކުން ގައުމީ ސަލާމް ކިޔުން ހުއްޓާލީއެވެ. ނަމެެވެސް ފަތުވާދޭ މަޖިލީހުން ގައުމީ ސަލާމް ކިޔުން ހުއްދަ ކަމެއްގެ ގޮތުގައި ނިންމުމުން، މި ދިރާސީ އަހަރުގެ ދެވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއްގައި ވެސް ގައުމީ ސަލާމް ކިޔާނެއެވެ.