ޖެނުއަރީ 6 ވަނަ ދުވަހު މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ޕީއެސްއެމް އިން ބާއްވާ ބަހުސްގެ ދައުވަތު ހުރިހާ ކެނޑިޑޭޓުން ވެސް ގަބޫލުކޮށްފިއެވެ.

މާލޭގެ ކުރީގެ މޭޔާރ، ޑރ.މުހައްމަދު މުއިއްޒު ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވުމާއި ގުޅިގެން، ހުސްވެފައިވާ މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑީޑޭޓުންނަށް އަމާޒު ކޮށްގެން ޕީއެސްއެމް އިންވަނީ ބަހުސް އެއް އިންތިޒާމު ކޮށްފައެވެ. ޕީއެސްއެމް އިން މައުލޫމާތުދޭ ގޮތުގައި މިހާރު މި އިލެކްޝަންގައި ވާދަ ކުރައްވާ ފަސް ކެނޑިޑޭޓުން ވެސް ވަނީ ދައުވަތު ގަބޫލު ކޮށްފައެވެ.

ޕީއެސްއެމުން ވިދާޅުވީ މި ބަހުސް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ މާލޭގެ ތަރައްގީއަށް އެބޭބޭފުޅުން ގެންގުޅުންވާ ތަސައްވުރާއި، ކުރިއަށްގެންދަވާނެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އަދި ރައްޔިތުންނަށް އެންމެ އެކަށޭ މޭޔަރަކު އައްޔަންކުރުމަށް ފަހިކޮށްދިނުމަކީވެސް ޕީޕީއެސްއެމުން މިބަހުސް ބާއްވާ އެއް ބޭނުން ކަމަށް ވެސް ބުނެފައިވެއެވެ.