ގާނޫނާ ފުށު އަރާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ލުއިތައް ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ނިންމައި، އެކަން ޔާމީނަށް އަންގައިފިއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އިތުރު ލުއިތަކަކަށް އެދިވަޑައިގަންފައި ވީ ނަމަވެސް އެ ލުއިތަކަކީ ގާނޫނާ ފުށުއަރާ ލުއިތަކަކަށް ވުމުން އެ ލުއިތައް ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު އާމިނަތު ޔުސްރީން އަހުމަދު "ހަލި" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ. ޔުސްރީން ވިދާޅުވި ގޮތުގައި ކުރިންވެސް ރައީސް ޔާމީނަށް ވަނީ ލުއި ތަކެއް ދެއްވާފައެވެ. އެހެންނަމަވެސް އިތުރަށް އެދިވަޑައިގެންނެވި ލުއިތަކަކީ ގާނޫނު ތަންދޭ ލުއިތަކެއް ނޫންކަމަށް ޔުސްރީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅު އެދިވަޑައިގެންފައި ވަނީ ކޮން ކަހަލަ ލުއިތަކެއްކަން ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައި ނުވި ނަމަވެސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އުޅުއްވޭނެ ފަދަ ލުއިތަކެއްކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު އެ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ރަށު ބަންދަށް ބަދަލު ކޮށްފައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ލުއިތަކެއް ދެއްވުމަށް އެދިވަޑައިގެންފައި ވަނީ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރެއްވުމަށް ފަހު ޕީއެންސީ އޮފީހާއި އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން މައްސަލަ ކަރެކްޝަންސްއިން ބަލަން ފަށާފައިވަނިކޮށެވެ. އެ މައްސަލާގައި އެ ސާވިސްއިން ބުނީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނަމަ އަޅާނެ ކަމަށެވެ.