ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް)ގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ، އެ މައްސަލަ ރިވިއުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތާއި ގުޅިގެން ސަރުކާރުން މިއަދު ނޫސް ބަޔާނެއް ނެރުއްވައިފިއެވެ.

މީޑިޔާ މެދުވެރިކޮށް މި ބަޔާން އިއްވެވީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޒް މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލެވެ.

މިގޮތުން ނިމިދިޔަ ސަރުކާރުން މިކަމުގައި ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެގާނޫނުއަސާސީއާއި ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ، ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 (ސާދަ) ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާއި ވަނީ ހަވާލުކުރައްވާފައެވެ. އަދި އެނިންމުން ދިރާސާކޮށް، މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ފަށާފައިވާކަމުގައި ބަޔާނުގައި ވެއެވެ. އަދި މި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މިމަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިވާކަމުގައި ނޫސް ބަޔާނުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ކުރީގެ ރައީސް، ރައީސް ސާލިހުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީއެއް މި ނޫސްބަޔާނާއެކު ވަނީ ހިމަނާފައެވެ. އަދި ނޫސްބަޔާނުގައި ވަނީ މި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭގޮތުން ފާހަގަކުރެވޭ ނުކުތާތަކަށް ވެސް އަލިއަޅުވާލައްވާފައެވެ.

މި ނޫސްބަޔާނުގައި މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން އެކުލަވާލާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށާއި މިކަމާބެހޭ މައުލޫމާތު އާންމުކުރުމަށް ވެސް ބަންޑާރަނައިބު ނިންމަވާފައިވާކަމަށް ވެއެވެ.