ކަނޑުގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން އާންމުކޮށް ކަނޑުން ގެއްލުނު ބައި ހޯދުމަށް ތައްޔާރުކުރި ހާއްސަ ކޮމިޓީއަކުން ދިރާސާތައް ކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

މިކަންކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ކުރީގެ ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހާމަކޮށްފައިވެއެވެ. އެސިޓީގައި ވާގޮތުންމ ރާއްޖެއާއި ޗާގޯސް އާކިޕެލަގޯއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން އައިޓީއެލްއެސްގެ މަރުހަލާތައް ކުރިއަށް ދާއިރު، 1965 ވަނަ އަހަރު މޮރިޝަސްއިން ޗާގޯސް އާކިޕެލަގޯ ވަކިކުރުމުން ނިކުންނާނެ މަތީޖާއަށް އދ.ގެ އާންމު މަޖިލީހުން ނެރުނު ގަރާރާ ގުޅޭ ގޮތުން ރާއްޖެއިން ދެކޭ ގޮތް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށާއި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނީ ޑިކޮލޮނައިޒޭޝަން ކުރުމާއި، ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ކަމަށް އެ ސިޓީގައި ބުނެފައިވެެއެވެ. އަދި އުންމީދު ކުރަނީ، މިހާރު އެމައްސަލަ ޙައްލުވެ، ޑިކޮލޮނައިޒޭޝަނަށް ދެމެހެއްޓެނިވި ގޮތެއްގައި އޮތް ތާއީދާއި، މޮރިޝަސްއާއެކު އޮތް އެއްބައިވަންތަކަން އިތުރަށް ހާމަވެގެންދިޔުން ކަމަށް ވެސް ބުނެފައިވެއެވެ.

މިސިޓީގެ އިތުރުން، ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދުމަށް ލިއުންތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސަރުކާރުން އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލުކޮށްގެން މިހާރު ދަނީ ކުރަމުންކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

"މި މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ކުރިއަށް ގެންދާ ދިރާސާތަކާއި މި މައްސަލާގައި އައްޔަންކޮށްފައިވާ ދިވެހި ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިއާޔަތްކޮށް، ނިމިދިޔަ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ގެންގުޅުއްވާފައި ގާނޫނީ ޕޮޒިޝަން އާއި އަމަލުކުރައްވާފައިވާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނައިބު ވަނީ ނިންމަވައިފަ އެވެ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

އަދި މި މައްސަލަ ދިރާސާ ކުރުމަށް އޭޖީ އަހުމަދު އުޝާމް ވަނީ ތިން ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ކޮމިޓީގައި ހިމެނެނީ

  • އިސްކޮށް އުޅުއްވާނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް (އަނިލް މަސައްކަތް ކުރައްވާނީ އެއްވެސް އަގެއް ނުނަންގަވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.)
  • އަނިލްގެ އިތުރުން ހިމެނެނީ، ޑިފެންސް މިނިސްޓްރީގެ ފަރާތުން ކާނަލް އަހުމަދު މުޖުތަބާ
  • ފޮރިން މިނިސްޓްރީގެ ފަރާތުން އަހުމަދު ޝިއާން

މި މަސައްކަތް ނިމުމުން، ރައީސް އޮފީހުން ބުނި ގޮތުގައި، މިކަމާބެހޭ މައުލޫމާތު އާއްމުކުރަން ވެސް ބަންޑާރަ ނައިބު ވަނީ ނިންމަވައިފަ އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނު އޮންނަ ފުށު އަރާ ކަނޑުގެ ސަރަހައްދުގެ އިން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން ރާޢްޖެ އަށް ގެއްލުނު ބައި ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު ވެސް އެކަމަށް ބޭނުންވާ ދިރާސާތައް ހަދަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.