ކުވޭތުގެ އަމީރުކަމުގެ މަގާމަށް، ހިޒް ހައިނަސް ޝައިޚް މިޝްޢަލް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙް އިސްވެވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނު އަންގާރަ ދުވަހު ފޮނުއްވި މެސެޖުގައި ކުވޭތުގެ އައު އަމީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވިއެވެ.

މި މެސެޖުގައި، ދިވެހިރާއްޖެއާއި ކުވޭތާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ދެމެހެއްޓެނިވި ގުޅުން ބިނާވެފައިވަނީ، ދެ ގައުމުންވެސް އެއްގައުމު އަނެއް ގައުމަށްކުރާ އިތުބާރާއި، އިހުތިރާމާއި، އަދި ދެގައުމުގައިވެސް އޮންނަ އިސްލާމީ ރިވެތި އަހްލާގްގެ ސަބަބުން އުފެދެމުންދާ ސަޤާފީ، ތާރީޚީ ގުޅުމުގެ މައްޗަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޖްތިމާއީ-އިގްތިސާދީ މަގްސަދުތައް ކުރިއެރުވުމުގައި ކުވޭތުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ކުވޭތުގެ ފަރާތުން ރާޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއިން ބަލައިގަންނަކަމަށާއި، އެކަމުގެ އަގުވަޒަންކުރާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އައު އަމީރުގެ ޒައާމަތުގައި، ކުވޭތު, ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ފެށިގެންދާ އައު ދައުރުގައި ކުވޭތާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށާއި، އެކަމަށް ޔަގީންކަން އެބައޮތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަމުން، ވަނީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަހްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު ތައުޒިޔާ ފޮނުއްވާފައެވެ.